އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ސަން އޮންލައިންގައި ލިޔުނު ޚަބަރެއްގެ ސަބަބުން އެ މައްސަލަ ހުށަހެޅި މީހާގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ހައިކޯޓުން ވެސް ކަނޑައަޅައިފިއެވެ.

އެޗްޑީއެފްސީއާ ގުޅޭގޮތުން ކޮރަޕްޝަންގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅި މ. ތުޅާގިރި އިސްމާއީލް މަސްއޫދުއާ ދެކޮޅަށް އެކުންފުނިން ކުރި އަބުރުގެ ދައުވާ ސާބިތުނުވާ ކަމަށް ސިވިލް ކޯޓުން ވެސް ވަނީ ކަނޑައަޅައިފައެވެ.

އެޗްޑީއެފްސީއިން ދައުވާ ކުރީ ޚަބަރުގައިވާ މައުލޫމާތު ސަން އޮންލައިނަށް ދިނީ އިސްމާއީލް މަސްއޫދު ކަމަށް ބުނެއެވެ. ނަމަވެސް ސިވިލް ކޯޓުގެ ހުކުމްގެ އިސްތިއުނާފު މައްސަލަ ބެލުމަށްފަހު ހައިކޯޓުން މިއަދު އިއްވި ހުކުމްގައި ވަނީ އެ މައުލޫމަތު ސަން އޮންލައިނަށް ދިނީ އިސްމާއީލް މަސްއޫދުކަން އެ ޚަބަރުން އެނގެން ނެތް ކަމަށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ މައުލޫމާތު ނޫސްތަކުން ސާފުކުރުމަށް އެދުމުން ތަހުގީގަށް ބުރޫ ނާރާނެ ގޮތުގެމަތިން ދެމުން ގެންދާކަން އެކޮމިޝަނުން އެޗްޑީއެފްސީގެ ވަކީލުންނަށް ލިޔުމުން އަންގާފައިވާ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

ދެހާސް ތޭރަ ވަނަ އަހަރުގެ މާޗް މަހުގެ 21 ވަނަ ދުވަހު ސަން އޮންލައިންގައި ޝާއިއުކުރި އެ ޚަބަރަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ވަނީ މައުލޫމާތު ދީފައެވެ.