މޯލްޑިވްސް ޕޮލިސް ސާވިސްއިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ރޯޑް ސޭފްތީ ކެމްޕޭން "ރައްކާ"، އެލައިޑް އިންޝުއަރަންސާ ގުޅިގެން މިއަހަރު ހދ. ކުޅުދުއްފުށީގައި ބޭއްވުމަށް ނިންމައިފިއެވެ.

އިސްކަންދަރު ކޮށީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި، މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެލައިޑް އިންޝުއަރަންސްގެ ޖެނެރަލް މެނޭޖަރު އަހްމަދު ރިޔާޒީ މުހައްމަދާއި، އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ސުޖާއުއެވެ.

ރައްކާ ރޯޑު ޝޯ މީގެ ކުރީ އަހަރުތަކުގައި އައްޑޫ ސިޓީ އަދި ހައްދުންމަތީގައި ބޭއްވި އިރު، އެލައިޑް އިންޝުއަރަންސުން ވަނީ އެފަހަރުތަކުގައި ވެސް އެ ކެމްޕޭނުގެ ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައެވެ.

ރައްކާ ރޯޑު ޝޯގެ ތެރެއިން މައުލޫމާތު ދިނުމުގެ ސެޝަންތަކާއި، ކުޑަކުދިންގެ ހަވީރުތަކުގެ އިތުރުން، އެހެނިހެން ހަރަކާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެލައިޑް އިންޝުއަރަންސްގެ މާކެޓިންގް މެނޭޖަރު ނިއުޝާދު ޝަރީފް ވިދާޅުވީ، މިއަހަރުގެ ކެމްޕޭނަކީވެސް މުޖުތަމައަށް ފައިދާހުރި ޕްރޮގްރާމަކަށް ވެގެން ދާ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.