01 Mar 2017, 15:49
ސައުދީ އަރަބިއްޔާގެ ވެރިރަށް، ރިޔާދުގައި މިއަހަރު ބާއްވަން ހަމަޖައްސާފައިވާ "ރިޔާދު ޓްރެވަލް ފެއާ" ގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ބައިވެރިވާން ނިންމައިފިއެވެ.
މިއީ މަޓާޓޯއިން އެ ފެއާގައި ބައިވެރިވާ ދެވަނަ ފަހަރެވެ. އެ އެސޯސިއޭޝަނުން ބުނީ މިއަހަރު އެ ފެއާގައި ބައިވެރިވާން ނިންމީ، ކުރީ އަހަރުގެ ކާމިޔާބީއަށް ބަލައި، ރާއްޖޭގެ ޓޫރިޒަމަށް މެދު އިރުމަތީ ގައުމުތަކުގެ ފަތުރުވެރިންގެ މެދުގައި މާކެޓު ކުރުމަށް ކަމަށެވެ.
ރިޔާދު ފެއާގައި މެދު އިރުމަތީގެ ޓްރެވަލް ކުންފުނިތަކާއި، ސައުދީ އަރަބިއްޔާގެ ކުންފުނިތަކުގެ އިތުރުން ބައިނަލް އަގުވާމީ އެކި ފަރާތްތަކުން ބައިވެރިވާނެ އެވެ. އެ ފެއާ ފާހަގަކުރެވެނީ ޓްރެވަލް އިންޑަސްޓްރީގެ ގިނަ ފަރާތްތަކެއް އެއްތަންވެ، ވަކި ވަކި ކުންފުނިތަކުގެ ޕްރޮޑަކްޓުތައް ލޯންޗު ކުރާ ޕްލެޓުފޯމެއްގެ ގޮތުގައެވެ.
އަންނަ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް ރިޔާދުގައި ބާއްވާ އެ ފެއާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު މަޓާޓޯއިން ވަނީ މިހާރު ހުޅުވާލާފައެވެ. އެގޮތުން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ރިޔާދު ޓްރެވަލް ފެއާއަކީ 2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފެއާ އެކެވެ. މިއަހަރު ބާއްވާ އެ ފެއާ ވެގެންދާނީ ރިޔާދު ޓްރެވަލް ފެއާގެ ނުވަނަ ފެއާ އަށެވެ.
މަޓާޓޯއިން އެ ފެއާގައި ބައިވެރިވާން ނިންމާފައިވާއިރު، މިއަހަރުގެ ތެރޭގައި ބައިނަލް އަގުވާމީ އިތުރު ހަތް ފެއާއެއްގައި ބައިވެރިވާން މަޓާޓޯއިން ވަނީ ނިންމާފައެވެ.