ދުނިޔޭގެ އާބާދީ އިތުރުވަމުންދާ ވަރަށް ވުރެ އަވަހަށް އިސްލާމް ދީން ފެތުރެމުންދާ ކަމަށާއި، 2070 އަންނަންވާއިރަށް އެންމެ ގިނަ މީހުން ގަބޫލު ކުރާ ދީނަކީ އިސްލާމް ދީނަށް ވާނެ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އެމެރިކާގެ ޕިއު ރިސާޗް ސެންޓަރުން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި 2010-2050އާ ދޭތެރޭ މުސްލިމުންގެ އާބާދީ 73 ޕަސެންޓަށް އިތުރުވާނެ އެވެ. އެއާ އަޅާ ބަލާއިރު ދެވަނައަށް އެންމެ ހަލުވިކޮށް ފެތުރެމުންދާ ނަސާރާ ދީން ގަބޫލު ކުރާ މީހުންގެ އާބާދީ އިތުރުވާނީ 35 ޕަސެންޓަށް ކަމަށް ދިރާސާގައިވެ އެވެ.

ދެހާސްދިހަވަނަ އަހަރު ނަސާރާ ދީން ގަބޫލު ކުރާ މީހުންގެ އާބާދީ 2.17 ބިލިއަނަށް އެރި އިރު މުސްލިމުންގެ އާބާދީ އަކީ 1.6 ބިލިއަނެވެ. އަދި 2050 އަންނަންވާއިރަށް ނަސާރާއިންގެ އާބާދީ 2.92 ބިލިއަނަށް އަރާނެ ކަމަށް ލަފާ ކުރެވޭ އިރު މުސްލިމުންގެ އާބާދީ 2.76 އަށް އަރާނެ ކަމަށް ލަފާ ކުރެވެ އެވެ.

އެހެންކަމުން 2050ގެ ފަހުންވެސް އިސްލާމް ދީން ގަބޫލު ކުރަމުންދާ މީހުންގެ އަދަދު އެވަރަށް އިތުރުވަމުންދާ ނަމަ 2070 އަންނަންވާއިރަށް މުސްލިމުންގެ އާބާދީ ނަސާރާއިންގެ އާބާދީއަށް ވުރެ އިތުރުވާނެ ކަމަށް ރިޕޯޓުގައިވެ އެވެ.

އަދި ހަމަ އެމުއްދަތުގެ ތެރޭގައި ދުނިޔޭގެ އާބާދީ އިތުރު ވާނީ 37 ޕަސެންޓަށް ކަމަށާއި، މުސްތަގުބަލުގައި ޔޫރަޕުގެ އާބާދީގެ 10 ޕަސެންޓު ހިއްސާ ކުރާނީ މުސްލިމުން ކަމަށް ރިޕޯޓުގައިވެ އެވެ.

އަދި ކަލަކު ވޮޑިގެންނުވާ ކަމަށް ގަބޫލު ކުރާ މީހުންނާއި އަދި ކަލާނގެއާ ބެހޭ އެއްވެސް ކަމެއް އެއްވެސް މީީހަކަށް ނޭނގޭނެ ކަމަށް ގަބޫލުކުރާ މީހުންގެ އަދަދު އުތުރު އެމެރިކާ އާއި ޔޫރަޕުގައި މިހާރު އިތުރުވަމުން ދިޔަ ނަމަވެސް، 2050 އަންނަންވާއިރަށް އެއަދަދު 16.4 ޕަސެންޓުން 13.2 ޕަސެންޓަށް ދަށްވާނެ ކަމަށް ރިޕޯޓުގައިވެ އެވެ.

އެބަދަލުތައް ފެނިގެންދަނީ ތަފާތު ދީންތަކުގެ މީހުންގެ ދަރިމައިވާ މިންވަރު ތަފާތުވުމުގެ ސަބަބުން ކަމަށް ރިޕޯޓުގައިވެ އެވެ. އެގޮތުން ދަރިމައިވުމުގެ ރޭޓު އެންމެ މަތީ މުސްލިމުންގެ އެވެ.

އަދި އިސްލާމް ދީން ގަބޫލު ކުރަނީ ވިހާ އުމުރުގެ ޒުވާނުން ކަމުންވެސް މުސްލިމުންގެ އާބާދީ އިތުރުވުމަށް މަގުފަހިވެ އެވެ. އެގޮތުން މުސްލިމުންގެ ތެރެއިިން 34 ޕަސެންޓަކީ 15 އަހަރުން ދަށުގެ ކުދިން ކަމަށް ރިޕޯޓުގައި ފާހަކޮށްފައިވެ އެވެ.

މީގެ އިތުރުން ދިރާސާ ރިޕޯޓުގައިވާ ގޮތުން އެންމެ ގިނަ ބަޔަކު ދޫކޮށްލާނެ ދީނަކީ ނަސާރާ ދީނެވެ. އެގޮތުން 40 މިލިއަން މީހުން ނާސާރާ ދީނަށް ވަންނާނެ ކަމަށް ބެލެވޭ އިރު 106 މިލިއަން މީހުން އެދީން ދޫކުރާނެ ކަމަށް ދިރާސާ ހެދި ފަރާތްތަކުން ލަފާކޮށްފައިވެ އެވެ.

އެރިޕޯޓުގައި އިތުރު ދިރާސާއެއްގެ ނަތީޖާވެސް ހިމަނާފައިވެ އެވެ. އެއީ ޔޫރަޕްގެ ރައްޔިތުން މުސްލިމުންނާ މެދު ދެކޭ ގޮތާ ބެހޭގޮތުން މިދިޔަ އަހަރު ހެދި ސާވޭއެއްގެ ނަތީޖާ އެވެ.

އެ ދިރާސާއިން ދެއްކި ގޮތުގައި ހަންގޭރީ، އިޓަލީ، ޕޮލެންޑް އަދި ގްރީސްގެ ގިނަ ބަޔަކު ދެކެނީ އިސްލާމް ދީނަކީ ރަނގަޅު ދީނެއް ނޫން ގޮތުގައެވެ. އަދި ކަނާތު ފިޔައިގެ ވިސްނުން ގެންގުޅޭ މީހުން މުސްލިމުންނާ މެދު ދެކޭގޮތަށް ވުރެ ވާތު ފިޔައިގެ މީހުން މުސްލިމުންނާ މެދު ދެކޭ ގޮތް ރަނގަޅު ކަމަށް ރިޕޯޓުގައިވެ އެވެ. (ޓެލެގްރާފް)