02 Mar 2017, 12:35
މިސީޒަނަށްފަހު ބާސެލޯނާގެ ކޯޗުކަމުން ލުއިސް އެންރީކޭ ދުރުވުމަކީ ހިތާމައެއްގެ ގޮތުގައި އެކްލަބުގެ ކުރީގެ ކޯޗު އަދި މިހާރު މެންޗެސްޓާ ސިޓީއަށް އިރުޝާދުދެމުންދާ ޕެޕް ގާޑިއޯލާ ސިފަކޮށްފިއެވެ.
އުމުރުން 46 އަހަރުގެ އެންރީކޭ ވަނީ ރޭ ލަލީގާގައި ސްޕޯޓިން ގިޔޯންއާ ދެކޮޅަށް ކުޅެ 6-1 ލަނޑުން ބާސާ މޮޅުވި މެޗަށްފަހު ބާސާއިން ވަކިވާން ނިންމިކަން ވަނީ އިއުލާންކޮށްފައެވެ. އެންރީކޭ ބުނީ، މިސީޒަނަށްފަހު އޭނާ އެކްލަބުގެ ކޯޗުކަމުން ވަކިވާން ނިންމާފައިވާ ކަމަށެވެ.
ބާސާގައި ހޭދަކުރި ދުވަސްތަކުގައި އެކްލަބަށް ތިން ފަހަރު ލަލީގާ ކާމިޔާބުކޮށްދީ، ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ގާޑިއޯލާ ބުނީ، އެންރީކޭ އަކީ ވަރަށް ރަނގަޅު ޓްރެއިނަރެއް ކަމަށާއި ބާސާގައި އެންރީކޭ ހޭދަކުރި މުއްދަތުގެ ތެރޭގައި އެކްލަބަށް ރަނގަޅު ނަތީޖާތަކެއް ނެރެދީފައިވާ ކަމަށެވެ.
"ބާސާގެ ސަޕޯޓަރެއްގެ ގޮތުގައި އަހަރެން ވަރަށް ދެރަވޭ. ބާސާއަށް ގެއްލިގެން މިދަނީ ވަރަށް ރަނގަޅު ޓްރެއިނަރެއް. އެންރީކޭގެ ދޭއް ނުވަތަ ތިން އަހަރުގެ ތެރޭގައި މޮޅެތި ކުޅުންތެރިންތަކެއް ލައްވާ ވަރަށް ރަނގަޅު ފުޓްބޯޅައެއް ކުޅުއްވި. އަހަރެންނަށް އޭނާގެ ހާލަތު އެނގޭ. ސަޕޯޓަރެއްގެ ގޮތުން ބުނާނީ، ތިން އަހަރުގެ މުއްދަތުގެ ތެރޭގައި ކްލަބަށް ކޮށްދިން ކަންތައްތަކަށްޓަކައި އެންރީކޭއަށް ޝުކުރިއްޔާއޭ،" ގާޑިއޯލާ ބުންޏެވެ.
ބާސާއާ އެންރީކޭ ހަވާލުވީ ޖެރާޑޯ މާޓިނޯއަށްފަހު 2014 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އޭނާ ވަނީ މިހާތަނަށް ބާސާއަށް ލަލީގާއާއި، ދެ ފަހަރު ކޮޕާ ޑެލްރޭ އަދި ޗެމްޕިއަންސް ލީގެއް ކާމިޔާބުކޮށްދީފައެވެ. ބާސާއާއެކު އެންރީކޭ ހަދާފައިވާ އެއްބަސްވުން ވެސް މިސީޒަނަށްފަހު ނިމުމަކަށް އަންނާނެއެވެ.
ބާސާ އަދި އެންރީކޭއަށް މިސީޒަނުގެ ތެރޭގައި ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ. ލަލީގާގައި ރެއާލްގެ ފަހަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރިއިރު، ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އަތުން ބޮޑު ތަފަތާކުން ވަނީ ބަލިވެފައެވެ. ރަށުން ބޭރުގައި 4-0 ލަނޑުގެ ނަތީޖާއަކުން ޕީއެސްޖީ އަތުން ބަލިވެފައިވުމުން ޗެމްޕިއަންސް ލީގުގައި ކުރިއަށްދިއުމުގެ އުންމީދު ބާސާގެ ގިނަ ކުޅުންތެރިން ވަނީ ކަނޑާލައިފައެވެ.