02 Mar 2017, 13:14
އަހަރުން އަހަރަށް ބަލާއިރު ދިވެހި ފައިސާގެ އަގު މައްޗަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފިއެވެ.
އެ އޮތޯރިޓީން ކޮންމެ މަހަކު ނެރޭ އިގްތިސާދީ ރިވިއުގެ މިދިޔަ މަހުގެ އަދަދުގެ ބޭރު ފައިސާގެ އެކްސްޗޭންޖު ރޭޓު ބައިގައި ބުނެފައިވަނީ މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެއިން މައިގަނޑު ގޮތެއްގައި ވިޔަފާރީގެ މުއާމަލާތްތައް ހިންގާ ޤައުމުތަކުގެ ފައިސާތަކުގެ ތެރެއިން، އަހަރުން އަހަރަށް ބަލާއިރު، ސްރީލަންކަން ރުޕީ، ޔޫރޯ، ޕައުންޑް ސްޓަރލިންގް އަދި ޗައިނީސް ޔުއާންއާ އަޅާބަލާއިރު ދިވެހި ރުފިޔާގެ އަގު މަައްޗަށް ގޮސްފައިވާ ކަމަށެވެ.
އެ ގައުމުތަކުގެ ފައިސާތަކާ އަޅާބަލާއިރު ދިވެހި ފައިސާގެ އަގު މައްޗަށް ގޮސްފައިވީ ނަމަވެސް، އިންޑިއަން ރުޕީ އަދި ސިންގަޕޫރު ޑޮލަރާ އަޅާބަލާއިރު ދިވެހި ރުފިޔާގެ އަގަށް ބަދަލެއް އައިސްފައިނުވާ ކަމަށްވެސް ރިވިއުގައި ވެއެވެ.
މީގެ އިތުރުން އެމްއެމްއޭއިން ބުނީ މަހުން މަހަށް ބަލާއިރު ސްްރީލަންކަން ރުޕީއާ އަޅާބަލާއިރު ދިވެހި ރުފިޔާގެ އަގު މައްޗަށް ގޮސްފައިވާ ކަމަށެވެ. އަދި ޗައިނީސް ޔުއާން، ޔޫރޯ، ސްޓަރލިންގް ޕައުންޑް އަދި ސިންގަޕޫރު ޑޮލަރާ އަޅާބަލާއިރު ދިވެހި ރުފިޔާގެ އަދަދު ދަށަށް ގޮސްފައިވާ ކަމަށްވެސް އެމްއެމްއޭއިން ބުނެފައިވެއެވެ.
ބޭރު ފައިސާތަކާ އަޅާބަލާއިރު ދިވެހި ރުފިޔާގެ އަގަށް އަންނަ ބަދަލުތަކަކީ ޔޫއެސް ޑޮލަރުގެ އަގަށް އަންނަ ބަދަލުތަކާ އެއްގޮތް ބަދަލުތަކެކެވެ.
ދެހާސް އެގާރަ ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން ބޭރު ފައިސާ ގަނެވިއްކުމަށް ރާއްޖޭގައި ހަމަޖެހިފައިވާ ސިޔާސަތުގެ ދަށުން، ޔޫއެސް ޑޮލަރު ގަނެވިއްކޭނެ އެންމެ މަތީ އަގަކީ 15.42އެވެ. އަދި އެންމެ ދަށް އަގަކީ 10.28 ރުފިޔާ އެވެ.