ވޮޝިންޓަން (މާޗް 2): އެމެރިކާގެ އެޓާނީ ޖެނެރަލް ޖެފް ސެޝަންސް ރަޝިއާގެ ސަފީރާ ބައްދަލު ކުރެއްވި ކަން ޖަސްޓިސް ޑިޕާޓްމެންޓުން ހާމަ ކުރުމާ ގުޅިގެން ސެޝަންސްގެ އިސްތިއުފާއަށް ގޮވާލައިފި އެވެ.

މިދިޔަ އަހަރު ދެފަހަރެއްގެ މަތިން ސެޝަންސް ވަނީ ރަޝިއާގެ ސަފީރާ ބައްދަލުކުރައްވާފައި ކަމަށް ބުނެ ވޮޝިންޓަން ޕޯސްޓުގައި ޖެހި ރިޕޯޓަކާ ގުޅިގެން ޖަސްޓިސް ޑިޕާޓްމެންޓުން ވަނީ އެކަން ޔަގީންކޮށްދީފަ އެވެ.

ޖަސްޓިސް ޑިޕާޓްމެންޓުން ބުނި ގޮތުގައި ސެނެޓު އާމްޑް ސާވިސެސް ކޮމިޓީގެ މެމްބަރެއްގެ ގޮތުން މިދިޔަ އަހަރުގެ ޖުލައި މަހާއި ސެޕްޓެމްބަރު މަހު ސެޝަންސް ވަނީ ރަޝިއާގެ ސަފީރާ ބައްދަލުކުރައްވާފަ އެވެ.

ނަމަވެސް އެޓާނީ ޖެނެރަލް ކަަމަށް ސެޝަންސް އައްޔަން ކުރި އިރު ގާނޫނު ހަދާ މަޖިލީހުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން އޭނާ ވަނީ ރަޝިއާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

އަދި އެ ރިޕޯޓު އާއްމުވުމާ ގުޅިގެން ސެޝަންސް ވަނީ ރަޝިއާގެ ސަފީރާ ބައްދަލުކުރެއްވީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ރިޔާސީ ކެމްޕެއިނާ ގުޅޭ ކަމެއްގައި ނޫން ކަމަށާއި އެ ދެ ބައްދަލުވުން ބޭއްވީ ސެނެޓު ކޮމިޓީގެ ފަރާތުން ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް ސަރުކާރާ އިދިކޮޅު ފަރާތްތަކުން ވަނީ ސެޝަންސް އިތުރުފުޅުހެއްދެވި ކަމަށް ބުނެ އޭނާގެ އިސްތިއުފާއަށް ގޮވާލާފަ އެވެ. އަދި ރަޝިއާއިން އެމެރިކާގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައާ ގުޅިގެން އެފްބީއައިއިން ކުރިއަށްގެންދާ ތަހުގީގުން ދުރަށްޖެހިވަޑައިގަތުމަށް ގޮވާލާފަ އެވެ.

މީގެ ކުރިން އެމެރިކާ ސަރުކާރުގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ކަމަށް އައްޔަން ކުރި މައިކެލް ފްލިން ވަނީ އޭނާ ސަރުކާރުގެ މަގާމަކަށް އައްޔަން ކުރުމުގެ ކުރިން، އެމެރިކާ އިން ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ބެހޭ ގޮތުން ރަޝިއާގެ ސަފީރާ ވާހަކަ ދެއްކެވިކަން ހާމަވުމާ ގުޅިގެން މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. (ބީބީސީ)