އެންމެ ފަހުން ކުޅުނު މެޗުގައި ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ކުޅުންތެރިންގެ ފިޓްނަސް ރަނގަޅު ނުވުން ކަމަށާއި އެގޮތަށް ޓީމު އޮއްވާ މިރޭގެ މެޗަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު ފަދަ ވަރުގަދަ ޓީމަކާއި ދެކޮޅަށް ނުކުތުމަކީ އެޓީމަށް އޮތް ޗެލެންޖެއް ކަމަށް ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

މަލޭ ލީގުގައި ނިއުރޭޑިއަންޓާ ދެކޮޅަށް ވިކްޓަރީ މިރޭ ނުކުންނަ މެޗުގެ ކުރިން ނޫސްވެރިންނާ ވަހަކަދައްކަމުން ސުޒޭން ބުނީ، ކުޅުންތެރިންގެ ފިޓްނަސް ވަރަށް ބޮޑަށް ދަށް ކަމަށާއި ގިނަ ކުޅުންތެރިންގެ ފިޓްނަސް ހުރީ 25 އިންސައްތައަށް ވުރެވެސް ދަށުގައި ކަމަށެވެ. އަދި ކުޅުންތެރިންގެ ފިޓްނަސް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ކުޅުންތެރިންގެ ފިޓްނަސް ވަރަށް ދަށް. އެ ކުޅުންތެރިންގެ ފިޓްނަސް އަލުން ރަނގޅުކުރަން ވަގުތު ބޭނުންވޭ. ފުރަތަމަ މެޗުގައި ޓީމު އޮތީ އެޓޭކް ކުރަންވެސް އަދި ޑިފެންސް ކުރަންވެސް ތައްޔާރަކަށް ނޫން،" ސުޒޭން ބުންޏެވެ.

ނިއު ރޭޑިއަންޓްގެ ކޯޗު ބެނާޑޯ ޓަވަރޭސް --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެ މެޗާ ބެހޭގޮތުން ނިއުރޭޑިއަންޓްގެ ކޯޗު ބެނާޑޯ ޓަވަރޭސް ބުނީ، ކުޅުންތެރިން ތިބީ މެޗު ކުޅެން ކެތް މަދުވެފައި ކަމަށާއި މިރޭގެ މެޗަށް ނުކުންނާނީ ނަތީޖާ ނެރެން ކަމަށެވެ. އަދި އެ މެޗަކީ މާލޭ ލީގުގައި ކުޅޭ އެންމެ ފޯރިގަދަ މެޗަށް ވެގެންދާނެ ކަމަށާއި ނިއުއަށް މި ސީޒަން ވަރަށް މުހިއްމު ކަމަށް ވެސް އޭނާ ބުންޏެވެ. މިދިޔަ ސީޒަނުގައި ނިއުގެ ނަތީޖާ ޓަވަރޭޒް ސިފަކުރީ ދަށް ނަތީޖާއެއް ގޮތުގައެވެ.

"މިދިޔަ ސީޒަނުގައި ނިއުރޭޑިއަންޓް އޮތީ އެއްވަނަ ޓީމަށް ވުރެ 24 ޕޮއިންޓް ދަށުގައި. އަނެއްކާ މި ނިކުންނަނީ މިދިޔަ ސީޒަނުގެ ތަށި ހޯދި ކޯޗާއި ދެކޮޅަށް ހުރިހާ ގޮތަކުން ބެލި ނަމަވެސް މިއީ މުހިއްމު މެޗެއް. ބޭނުންވަނީ ހަމަ އެކަނި ފޮނި ވާހަދައްކާލާފަ ނިންމާލަން ނޫން. ބޭނުންވަނީ ދަނޑުމަތީގައި ކުޅެގެން ނަތީޖާ ނެެރެން،" ޓަވަރޭސް ބުންޏެވެ.

މާލޭ ލީގުގައި ވިކްޓަރީ ކުޅުން ފުރަތަމަ މެޗުގައި އެޓީމުވަނީ ގްރީން ސްޓްރީޓް އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.

ލީގުގައި ވިކްޓަރީއާއި ނިއުރޭޑިއަންޓް ބައްދަލުކުރާ މެޗު ފަށާނީ މިރޭ 9:00ގައެވެ.