04 Mar 2017, 15:14
ކުއަލަލަމްޕޫރު (މާޗް 4): އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ބޭބެ ކިމް ޖޮންގް ނަމްގެ މަރުގެ މައްސަލައިގައި އެގައުމުގެ ރައްޔިތެއް ކަމަށްވާ ރީ ޖޮންގް ޗޮލް ހައްޔަރު ކުރީ މެލޭޝީއާ ސަރުކާރުގެ ރޭވުމެއްގެ ދަށުން ކަމަށް އޭނާ ބުނެފި އެވެ.
ޗޮލް ބުނި ގޮތުގައި މެލޭޝިއާގެ ފުލުހުން އޭނާ ހައްޔަރު ކުރީ އުތުރު ކޮރެއާގެ އަގު ވައްޓާލުމަށްޓަކަ އެވެ.
މެލޭޝިއާ ފުލުހުން ވަނީ އޭނާއާ ސުވާލުކޮށް ނިމުމުން އެގައުމުން އޭނާ ޑީޕޯޓުކޮށްލާފަ އެވެ. ޗޮލް ދޫކޮށްލީ ކިމް ޖޮންގް ނަމްގެ މަރުގެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެކި ނުލިބުމުންނެވެ.
ޗައިނާގައި ހުންނަ އުތުރު ކޮރެއާގެ އެމްބަސީގައި ހުރެ ވާހަކަ ދައްކަމުން ޗޮލް ވަނީ ކިމް ޖޮންގް ނަމް މެރިކަމަށް އިއުތިރާފު ކުރުވަން މެލޭޝިއާގެ ފުލުހުން މަސައްކަތް ކުރި ކަމަށް ބުނެފަ އެވެ.
"ހުރިހާ ކަަމަކަށް އެއްބަސްވެއްޖެ ނަމަ މެލޭޝިއާގައި ރަނގަޅު ދިރިއުޅުމެއް އުޅެވޭނެ ގޮތް ހަމަޖައްސަދޭނެ ކަމަށް ބުނި. އެހިސާބުން އެނގުނީ އެއީ އަޅުގަނޑުގެ ގައުމުގެ އަގު ވައްޓާލަން ޖެހި މަޅިއެއްކަން،" ޗޮލް ބުންޏެވެ.
ޗޮލް އަކީ ކެމިސްޓްރީގެ މާހިރެއް ކަމަށް އޭނާ ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް މެލޭޝިއާގައި އޭނާ މަސައްކަތް ކުރީ 'ސައިބޯނި އުފެއްދުމަށް ބޭނުންވާ ތަކެތި އެތެރެ ކުރުމަށް' ކަމަށާއި ކިމް ޖޮންގް ނަމް އަވަހާރަކޮށްލި ދުވަހު އޭނާ އެއާޕޯޓަށް ނުދާ ކަމަށްވެސް ޗޮލް ވަނީ ބުނެފަ އެވެ.
މިދިޔަ މަހުގެ 13 ވަނަ ދުވަހު ކުއަލަލަމްޕޫރު އެއާޕޯޓުގައި ކިމް ޖޮންގް ނަމްގެ މޫނުގައި ނުރައްކާތެރި ކެމިކަލެއް ކަމަށްވާ ވީއެކްސް ނާވް އޭޖެންޓް ހާކައިގެން އޭނާ އަވަހާރަކޮށްލުމާ ގުޅިގެން މެލޭޝިއާއިން ހައްޔަރު ކުރީ ޗޮލް އާއި އިންޑޮނޭޝިއާއަށް ނިސްބަތްވާ އަންހެނަކާއި ވިއެޓްނާމަށް ނިސްބަތްވާ އަންހެނެކެވެ. އެ ދެ އަންހެނުންގެ މައްޗަށް މިހާރު ވަނީ ގަސްތުގައި މީހަކު މެރިކަމުގެ ދައުވާކޮށްފަ އެވެ.
ޗޮލްގެ އިތުރުން މެލޭޝިއާގައި ހުންނަ އުތުރު ކޮރެއާގެ އެމްބަސީގެ އޮފިޝަލަކާއި އުތުރު ކޮރެއާގެ ގައުމީ އެއާލައިންގެ އޮފިޝަލަކާ ސުވާލު ކުރާނެ ކަމަށް މެލޭޝިއާއިން ބުނެ އެވެ. އަދި މެލޭޝިއާ ދޫކޮށް، އަނބުރާ ގައުމަށް ގޮަސްފައިވާ އުތުރު ކޮރެއާގެ ހަތަރު މީހަކާ ސުވާލު ކުރަން ބޭނުންވާ ކަމަށް މެލޭޝިއާއިން ވަނީ ބުނެފަ އެވެ.
މެލޭޝިއާ އާއި އުތުރު ކޮރެއާއިން ޑިޕްލޮމެޓިކް ގުޅުންތައް ގާއިމު ކުރީ 1970އިގެ އަހަރުތަކުގަ އެވެ. ނަމަވެސް ކިމްގެ މަރާ ގުޅިގެން ދެ ގައުމުގެ މެދުގައި އޮތް ގުޅުން ގޯސްވެ، މިދިޔަ ބުރާސްފަތި ދުވަހު މެލޭޝިއާއިން ވަނީ އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެގައުމަށް ނުވަދެވޭ ގޮތް ހަދައިފަ އެވެ. (ބީބީސީ)