06 Mar 2017, 12:44
މުޙައްމަދު އަރާޝް އައްސަދަކީ ތަފާތު ކުޅުންތެރިއެކެވެ. ޓީސީ ސްޕޯޓްސް ކްލަބުގެ ސްކޮޑުގައި ހިމެނޭ އެންމެ ޒުވާން އެއް ކުޅުންތެރިޔާއެވެ. ހާއްސަކޮށް ކަންކަމުގައި ފުރިހަމަ އިތުބާރާއެކު އިސްނެގުމަކީ، ގައުމީ ފުޓްބޯޅަ ޓީމުގެ ''ގޯލްޑް ކެޕްޓަން'' އައްސަދު އަބްދުލް ޣަނީގެ ދޮށީ ދަރިފުޅުގެ ހުރި ފާހަގަކޮށްލެވޭ ސިފައެކެވެ.
ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގެ ފައިނަލް މެޗުގައި، ދެކުނު ކޮރެއާގެ ޕޮޗިއޮން ސިޓިޒެން އެފްސީ ކޮޅަށް ޓީސީން ވައްދާލި އެންމެ ފަހުގެ ޕެނަލްޓީ ކާމިޔާބުކުރީ އަރާޝްއެވެ.
ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ކިޔައިދިން ގޮތުގައި، ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގެ، 120 މިނިޓަށް ދިގުދެމިގެން ދިޔަ ފައިނަލް މެޗުގެ ނަތީޖާ ނެރުމަށް ޕެނަލްޓީ ޖަހަން ޖެހުނު ހިނދު، އުމުރުން 18 އަހަރުގެ ''އަރާޝް'' ވަނީ ޓީސީގެ ފަހު ޕެނަލްޓީ ޖަހަން އޭނާއަށް ދިނުމަށް އަމިއްލައަށް އެދިފައެވެ.
"އަޅުގަނޑު ޕެނަލްޓީ ޖަހާނޭ ހަތަރު ކުޅުންތެރިއަކު ފުރަތަމަ ކަނޑައެޅިން. ދެން ހިތަށް އެރީ ފަސްވަނަ ކުޅުންތެރިއަކަށް ނަގާނީ އެކަމަށް އެދި އަމިއްލައަށް އެދޭ ކުޅުންތެރިއެކޭ. އޭރުވެސް ހިތަށް އެރި އަރާޝް އެކަމަށް އިސްނަގާނެ ނަމައޭ،" ޓީސީގެ ތާރީޚީ ވަގުތުކޮޅު ސަން ސްޕޯޓްސްއާ ހިއްސާކުރަމުން ނިޒާމްބެ ކިޔައިދިނެވެ.
"ކުއްލިއަކަށް އަރާޝް ބުނެފި، ކޯޗު ތިމަންނައޭ ފަހު ޕެނަލްޓީ ޖަހާނީ. އަރާޝް އެހެން ބުނުމުން ބައެއް އޮފިޝަލުންގެ މޫނުމަތީން ހާސްކަން ފެނިގެން ދިޔަ. އެކަމަކު އަޅުގަނޑު އިޝާރާތުން އަންގާލިން ހާސްނުވާށޭ. ސަބަބަކީ އަޅުގަނޑަށް ވަރަށް އިތުބާރު އޮވޭ އަރާޝްގެ ޕެނަލްޓީއާ މެދު."
ބައިނަލްއަގްވާމީ މުބާރާތެއްގައި، އެފަދަ ޕްރެޝަރު ބޮޑު ދަނޑިވަޅެއްގައި، އަރާޝް ފަދަ ޒުވާން، ތަޖުރިބާ މަދު ކުޅުންތެރިއަކު، މެޗުގެ ނަތީޖާ ކަނޑައަޅާ ޕެނަލްޓީ ޖަހަން އިސްނެގުމުން ޓީސީގެ މެނޭޖަރު މުހައްމަދު އީސާ (މޯ)އަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ. އެހެން ނަމަވެސް، ކޯޗުގެ އިޝާރާތާއެކު މޯ ވެސް ބުނީ، ކެތްތެރިކަމާއެކު އަރާޝްގެ އެ އިސްނެގުމަށް އިތުބާރާއެކު އިންތިޒާރު ކޮށްލީ ކަމަށެވެ.
"ތަޖްރިބާ ހުރި ކުޅުންތެރީންނާ، އަދި އޭނާއަށްވުރެ ސީނިއާ ކުޅުންތެރީން ވެސް ތިބި ޓީމެއްގެ ތެރޭގައި އަރާޝްގެ އެ އިސްނެގުމާ ކެރުމުގެ ސަބަބުން، އަޅުގަނޑުވެސް ދިޔައީ ހަމަ ސިއްސައިގެން،" ޓީސީގެ މެނޭޖަރު ބުންޏެވެ.

ޓީސީން ތަށި ކަށަވަރުކުރި ޕެނަލްޓީ ކާމިޔާބުކޮށްދިން އަރާޝް(ކ)އާއި އޭނާގެ ބައްޕަ އައްސަދު އަބްދުލްޣަނީ(ކ): ފަހު ޕެނަލްޓީ ޖަހަން އަރާޝް އިސްނެގި --- ފޭސްބުކް ފޮޓޯ/ އަރާޝް
ޕެނަލްޓީ ޖެހުމުގެ ހުނަރަކީ ކުޑައިރުއްސުރެވެސް އަރާޝްގެ ކިބައިގައި ހުރި ހުނަރެކެވެ. ނިޒާމްބެ ބުނިގޮތުގައި، އަރާޝްގެ ޕެނަލްޓީ ޖެހުމުގެ ހުނަރަކީ، އިހަކަށް ދުވަހު ފެންނަމުންދާ ހުނަރެއް ނޫނެވެ. އަދި ނިޒާމްބެގެ ކޯޗުކަމުގައި އަހްމަދިއްޔާ ސްކޫލްގެ ފުޓްބޯޅަ ޓީމަށް އަރާޝް ކުޅުނު އިރުވެސް އަބަދުވެސް ޕެނަލްޓީގައި އެންމެ އިތުބާރާއެކު އިސްނަގާ ކުޅުންތެރިއަކީ ވެސް އަރާޝް ކަން ކޯޗު ފާހަގަކުރިއެވެ.
"އޭރުވެސް ޕެނަލްޓީ ޖެހުމުގައި އަޅުގަނޑު އެންމެ އިތުބާރު ކުރާ އެއް ކުޅުންތެރިއަކީ އަރާޝް،" ރާއްޖޭގެ ކްލަބަކަށް ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ ރަން މެޑައްޔެއް ހޯދައިދިން ކޯޗު ކިޔައިދިނެވެ.
މިދިޔަ ސީޒަންގައި ޓީސީގެ ޒުވާން ސްކޮޑަށް ކޯޗު ނިޒާމްބެ ނެގި ކުޅުންތެރީންގެ ތެރޭގައި ހިމެނިގެން އަރާޝް ވަނީ ފުރަތަމަ ޑިވިޝަންގެ ތަޖްރިބާއާ އިތުބާރުވެސް ހޯދައިފައެވެ. އެގޮތުން، ބަންގާޅުގައި ނިމިދިޔަ ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގައި ޓީސީ ކުޅުނު އެންމެ މެޗެއް ފިޔަވައި ހުރިހާ މެޗެއްގައި ވެސް ބަދަލުކުޅުންތެރިއެއްގެ ގޮތުގައި އަރާޝް ވަނީ ފުރުސަތު ހޯދައިފައެވެ.
ސަން ސްޕޯޓްސްއާ ވާހަކަ ދައްކަމުން އަރާޝް ބުނީ، ޕޮޗިއޮންގެ ގޯލަށް ޓީސީގެ ފަހު ޕެނަލްޓީ ޖަހަން ދިޔަ އިރު، އެއްވެސް ހާސްކަމެއް ނެތްކަމަށާއި، ޕެނަލްޓީ ޖަހަން ދިޔައީ "100 ޕަސަންޓް ކޮންފިޑެންސާ އެކު" ކަމަށެވެ.
"އަޅުގަނޑު ހުރީ އެފަދަ ދަނޑިވަޅަކަށް އެދިއެދި. ފަސްވަނަ ޕެނަލްޓީ ޖަހާނޭ ކުޅުންތެރިއަކަށް ފުރުސަތު ހުޅުވާލުމާއެކު އަޅުގަނޑު ބުނިން ކޯޗު ކައިރީ އެ ފުރުސަތު ދޭށޭ،" ޒުވާން އަރާޝް އޭނާގެ އިހްސާސްތައް ކިޔައިދިނެވެ.
"ޕެނަލްޓީ ޖަހާލާފަ ފުރަތަމަ ވެސް ހިތަށް އެރީ އަލްހަމްދުލިﷲ އޭ. އިރާދަކުރެއްވިއްޔާ މިކަންވެސް މި ކުރެވުނީއޭ. އެއީ ދެން ފުޓްބޯޅަ ކެރިއަރުގައި ވެސް އެންމެ އުފާވި އެއް ވަގުތުކޮޅު،
"އަޅުގަނޑަށް ސްކޫލް ދައުރުއްސުރެ ފުޓްބޯޅައިގައި އިރުޝާދުދެމުން އަންނަ، އަދި ޓީސީން ވެސް އަޅުގަނޑަށް ފުރުސަތު ފަހިކޮށްދިން ކޯޗު ނިޒާމްބެއަށާއި އަޅުގަނޑުގެ ބައްޕައަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްލަން އަޅުގަނޑު ބޭނުން މި ފުރުސަތުގައި."
ުއަރާޝް ފަދަ، ކުޅިވަރުގެ ފުރިހަމަ އަޚްލާގާއެކު އުފެދެމުން އަންނަ ހުނަރުވެރި ޒުވާން ކުޅުންތެރީން އުފެދެމުން ދިއުމަކީ ދިވެހި ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް ރަނގަޅު ފާލެކެވެ. ގައުމީ ފުޓްބޯޅަ ޓީމަށް ބައިނަލްއަގްވާމީ ފުރަތަމަ ރަންމެޑަލް ހޯދައިދިން ޖީލު ފަދަ މޮޅު ކުޅުންތެރީންތަކެއް ރާއްޖޭގައި އުފެދެން އެބަ ޖެހެއެވެ. "ރެޑް ސްނެޕަރސް"ގެ ނަމުން މަޝްހޫރު ދިވެހި ފުޓްބޯޅަ ޓީމަކީ އޭރު މުޅި ސަރަހައްދީ ހުރިހާ ގައުމުތަކެއްވެސް ޖެހިލުންވާ ނުރައްކާތެރި ޓީމެކެވެ. އެހެންކަމުން ޕްރޮފެޝަނަލް ލެވެލްގައި ފުޓްބޯޅަ ކުޅޭން ބޭނުންވާ ހުރިހާ ކުޅުންތެރީންނަކީ ވެސް އަރާޝް ފަދައިން ނިކަން ކެރިގެން، އިތުބާރާއެކު ކުރިއަށް ދާން މަސައްކަތް ކުރާ ކުޅުންތެރީންނަށް ވާން ޖެހެއެވެ.