06 Mar 2017, 11:30
ރާއްޖެއަށް ހެޔޮއެދިގެން އެހީވާން މުސްލިމުން ނޫން ބަޔަކު އަންނާނެ ކަމަށް އުންމީދުކޮށްގެން ނުތިބުމަށް މޯލްޑިވިސް ޑިވޮލޮޕްމެންޓް އެލަޔަންސް(އެމްޑީއޭ)ގެ ލީޑަރު އަހުމަދު ސިޔާމު މުހައްމަދު ވިދާޅުވެއްޖެ އެވެ.
އެމްޑީއޭގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލި ފަރާތްތަކަށް ޓިކެޓް ހަވާލުކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ ދިވެހި ސަރުކާރާ އިނދިކޮޅު ފަރާތްތަކުން އެހީތެރިކަން ހޯދާ ގައުމުތަކުން ދަނީ އެހެނިހެން މުސްލިމް ގައުމުތައް ސުންނާފަތި ކުރަމުން ކަމަށެވެ.
"ދިވެހި ރާއްޖޭގައި މިތިބީ ސައްތައިން ސައްތަ މުސްލިމުން. ވިސްނާވަޑައިގެންނަވާ! އިރާގަށް ޑިމޮކްރަސީ ގެނައިސް އެތަނަށް މިނިވަންކަން ގެނައުމަށްކަމަށް ބުނެ ވަކާލާތުކުރި މީހުންނަކީ އަޅުގަނޑުމެންގެ އިނދިކޮޅު މީހުން ވާތްގަތް އެދޭ މީހުން،" ސިޔާމް ވިދާޅުވި އެވެ.
މިސާލެއްގެ ގޮތުން ސިޔާމް ވިދާޅުވީ މުސްލިމް ގައުމުތައްކަމަށްވާ އިރާގުގެ އިތުރުން ސީރިޔާ އާއި ލީބިޔާގައި މުސްލިމުންނަށް ކުރިމަތިކުރުވާ ދުއްތުރާތަކަކީ ޣައިރު މުސްލިމް ގައުމުތަކުން ކުރިމަތިކުރުވާ ކަންތައްތަކެއް ކަމަށެވެ.
ދުނިޔޭގެ ހުރިހާ ހިސާބުތަކަކަށް ބަލާލި ނަމަވެސް މުސްލިމް ގައުމުތަކަށް ހެޔޮއެދިގެން ކަމަށް ބުނެ ޣައިރު މުސްލިމްގައުމުތަކުން ގޮސް އެގައުމުތައް ސުންނާފަތި ކުރަމުންދާ ކަމަށް ސިޔާމް ވިދާޅުވި އެވެ.
އިންޑިއާގެ ނޫހަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވި އިންޓަވިއުއެއްގައި ސައުދީ އަރަބިއްޔާ އަކީ ޓެރެރިސްޓުން އުފައްދާ ގައުމެއް ކަމަށާއި ދިވެހިން ބޭރުގެ ޓެރެރިސްޓް ޖަމާއަތްތަކާ ގުޅެ ޖިހާދަށް ދަނީ ސައުދީ އަރަބިއްޔާގެ ސަބަބުން ކަމަށް ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވައި ސިޔާމް ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ.
"އިސްލާމީ ގައުމުތަކުގެ ތެރެއިން ސައުދީ އަރަބިއްޔާ އަކީ ދުނިޔެއިން ޓެރެރިޒަމް ނައްތާލުމަށް އެންމެ ބޮޑު ހޭދައެއް ކުރާ ގައުމު. އިނދިކޮޅު ފަރާތްތަކުން ސައުދީ އަރަބިއްޔާއާ ގުޅޭ ގޮތުން އެފަދަ ވާހަކަތައް ދެއްކެވުމުން ހައިރާނެއް ނުވޭ އެއީ ލާދީނީ ކަމުން ދައްކާ ވާހަކަ،" ސިޔާމް ވިދާޅުވި އެވެ.
އެމްޑީއޭގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާ ކެނޑިޑޭޓުން ތައާރަފް ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން --- ސަންފޮޓޯ/ މުހައްމަދު އަފްރާހް
އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަސްތްކަތް ކުރަމުން ގެންދަނީ ބޭރުގެ ލާދީނީ ފަރާތްތަކާ ގުޅިގެން ރާއްޖެ އާއި ރާއްޖޭގެ ރައްޔިތުން އަޅުވެތިކުރުމަށް ކަމަށާއި އެފަދަ އެއްވެސް ކަމަކަށް މިއަދު ގައުމުގެ ވަލިއްޔުލް އަމުރުގެ ގޮތުގައި ހުރި ރައީސް އަބްދުﷲ ޔާމިން ފުރުސަތު ނުދެއްވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ދުޝްމަނުން ފަރަންޖީ ގައުމުތަކަށް، ޖަރުމަނު ވިލާތަށް ގޮސް އެތަނުގެ ނޫސްތަކަށް އެދޭ ބަސްތީގަތުމަކީ އަޅުގަނޑު ދެކޭގޮތުގައި ދިވެހި ރާއްޖޭގެ ރައްޔިތުން އަޅުވެތިކުރުން. ދިވެހި ރާއްޖޭގައި މިތިބީ ސައްތައިން ސައްތަ މުސްލިމުން،" ސިޔާމް ވިދާޅުވި އެވެ.
ސިޔާމް ވަނީ ސައުދީ ރަސްގެފާނު ރާއްޖެއަށް ކުރުމަށް ތައްޔާރުވަމުންދާ ދަތުރުފުޅާ ގުޅޭ ގޮތުން ވެސް ވާހަކަފުޅު ދައްކަވައިފަ އެވެ. ސިޔާމް ވިދާޅުވީ ރަސްގެފާނުގެ ދަތުރުފުޅުގެ ތެރެއިން ރާއްޖެއަށް ބޮޑެތި އެހީތަކެއް ލިބިގެން ދާނެ ކަމަށާއި އޭގެ ތެރޭގައި 10 ބިލއަން ޑޮލަރުގެ މަސްރޫއު ވެސް ހިމެނޭ ކަމަށެވެ.
"މިއަށް އަޅުގަނޑުމެން އެބަޖެހޭ ވިސްނަން. މިއަށް އެބަޖެހޭ އަޅުގަނޑުމެން ޖާގަ ދެން،" ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާ ވެސް ތަމްސީލް ކުރައްވަމުން ގެންދަވާ ސިޔާމް ވިދާޅުވި އެވެ.
"ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ތަރައްގީ. ރައީސް ޔާމީީން އެތައް ފަހަރަކު ސައުދީ އަރަބިއްޔާއަށް ވަޑައިގެންފި. އެއީ ހައްޖަށް އެތައް ފަހަރަކު ވަޑައިގެންފައި ހުރި ބޭފުޅެއް. މިއަހަރު ވެސް އެއުޅެނީ ހައްޖަށް ވަޑައިގެންނަވަން އެތަނަށް ގޮސް ސައުދީ އަރަބިއްޔާގައި ތިއްބެވި އެންމެ ބޮޑެތި މީހުންނާ ބައްދަލުކޮށް އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއް ކަން އެ ރަސްގެފާނަށް ހަނދާންކޮށްދީ ރަސްގެފާނުގެ އާއިލަ ބޭފުޅުންނަށް ހަނދާންކޮށްދޭ ބޭފުޅަކީ ރައީސް ޔާމިން،" ސިޔާމް ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ވަނީ އެމްޑީއޭގެ އިސްފަރާތްތަކުގެ އިތުރުން ޕީޕީއެމްގެ މަޖިލިސް މެމްބަރުންނާއި، ސަރުކާރުގެ ވަޒީރުން ބައިވެރިވެ ވަޑައިގެންފަ އެވެ.