06 Mar 2017, 09:40
ބޮލީވުޑުގެ ކާމިޔާބު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު، ކަރަން ޖޯހަރަށް އެއްމާބަނޑު ދެ ކުދިން ލިބުމާ ގުޅިގެން ބޮލީވުޑުގެ ފަންނާނުން ކަރަން އަށް މަރުހަބާ ކިޔަމުން އެބަ ދެ އެވެ.
ކަރަންގެ ދެ ކުދިން، ޔަޝް އަދި ރޫހީ އަކީ ސަރޮގޭޓް މަންމައެއް (އެއްބަސްވުމެއްގެ ދަށުން ބަލިވެ އިންނަ އަންހެނާ) މެދުވެރިކޮށް ކަރަން ހޯދާފައިވާ ދެ ކުދިންނެވެ.
ކަރަން ބައްޕަ އަކަށް ވުމުން، އެކަމާ އުފާކުރާ ކަމަށާއި ކަރަން އަކީ އެއް ނަންބަރު ބައްޕަ އަކަށް ވާނެ މީހެއް ކަމަށް ބުނެ ގިނަ ފަންނާނުން އަންނަނީ ޓުވީޓު ކުރަމުންނެވެ.
ކާމިޔާބު ކޮރިއޮގްރާފަރު ފަރާ ޚާން ބުނެފައި ވަނީ ޔަޝް އަދި ރޫހީ އަކީ ކަރަންގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު އުފާ ކަމަށެވެ. ބަތަލާ އާލިއާ ބަޓް ވަނީ އެންމެ ފަހުން އޭނާ އަށް ދައްތަ ކިޔާނެ ދެ ކޮއްކޮ ލިބުނީ ކަމަށް ބުނެ އުފާ ފާޅުކޮށްފަ އެވެ.
އޭގެ އިތުރުން، އަރްޖުން ރާމްޕާލް، ޕްރިޔަންކާ ޗޯޕްރާ، ޕްރިތީ ޒިންތާ، ތުޝާރު ކަޕޫރު، ރިތޭޝް ދޭޝްމުކް ފަދަ ތަރިން ވަނީ ކަރަން އަށް މަރުހަބާ ކިޔައިފަ އެވެ.
ކަރަން ވެސް ވަނީ އެއީ އޭނާގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު އުފާ ކަމަށާއި ބައްޕައެއްގެ ވާޖިބު އަދާކުރަން އޭނާ ހުރިހާ ގޮތަކުން ވެސް ތައްޔާރަށް ހުރި ކަމަށް ބުނެފަ އެވެ.