ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކުލަބް ކަޕްގައި ޓީސީއަށް ވާދަކުރުމުގެ ފުރުޞަތު ދިނީ އެފްއޭއެމްއިން ނޫން ކަމަށާއި އެ ފުރުޞަތު ޓީސީން ހޯދީ އެޓީމުން 2016 ވަނަ އަހަރުގެ ސީޒަނުގައި ކުރި ބުރަ މަސައްކަތުން ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ޓީސީގެ ކާމިޔާބީ ފާހަގަކުރުމަށް އެފްއޭއެމްއިން މިރޭ ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅުދައްކަވަމުން ބައްސާމް ވިދާޅުވީ، ބަނގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް އިންޓަނޭޝަނަލް ކުލަބް ކަޕްގައި ދިވެހިރާއްޖެ ތަމްސީލުކުރާ ކްލަބެއްގެ ގޮތުގައި ޓީސީ ކަނޑައެޅީ އެފްއޭއެމްއިން ނޫން ކަމަށެވެ.

ބައްސާމް ވިދާޅުވީ، ޓީސީއަށް އެ ފުރުޞަތު ލިބުނީ 2016 ވަނަ އަހަރުގެ ސީޒަނުގައި ޓީސީ ސްޕޯޓްސް ކުލަބުން ދެއްކި މޮޅު ކުޅުމުގެ ސަބަބުންނާއި އެޓީމުން ނެރުނު ނަތީޖާގެ ސަބަބުން ކަމަށެވެ. އަދި އެ މުބާރާތާ ހަމައަށް ޓީސީއަށް ދެވުމަކީ އެޓީމުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް ވެސްް އޭނާ ވިދާޅުވިއެވެ.

"ބައެއް ބޭފުޅުން އެބަ ވިދާޅުވޭ މި ފުރުޞަތަކީ ޓީސީއަށް އެފްއޭއެމްއިން ދިން ފުރުޞަތެކޭ. ނަމަވެސް އެއީ ހަގީގަތެއް ނޫން. މިއީ ޓީސީގެ ބުރަ މަސައްކަތުގެ ނަތިޖާ. ޓީސީއަށް މި ފުރުޞަތު މި ލިބުނީ ސީޒަނުގައި ދެއްކި ރަނގަޅު ނަތީޖާގެ ސަބަބުން،" ބައްސާމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ޓީސީ މި މުބާރާތް ކާމިޔާބު ކުރުމަކީ ދިވެހި ފުޓްބޯޅައިގައި ވާދަކުރާ އެހެން ޓީމުތަކަށް އެކަމުގެ ސަބަބުން އިތުރު ހިތްވަރެއް ލިބިގެންދިޔަ ކަމެއް ކަމަށާއި ޓީސީގެ ކާމިޔާބީ ފޮނިވެގެންދާނީ އެ ޓީމުގެ ކާމިޔާބީގައި ދިވެހި ކޯޗެއްގެ ހިއްސާ އޮތުން ކަމަށެވެ.

"ނިޒާމްބެއަށް އަޅުގަނޑު ޝުކުރު އަދާކުރަން. މީގެން މި ދައްކައިދެނީ ދިވެހި ކޯޗުންގެ ފެންވަރު އެބަހުރިކަން،" ބައްސާމް ވިދާޅުވިއެވެ.

ޓިސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އެފްއޭއެމް ހައުސް ކުރިމަތީގައި ބޭއްވި ހާއްސަ ހަފްލާގައި ކުޅިވަރާބެހޭ އިދާރާތަކުގެ އިސްވެރިންނާއި ފުޓްބޯޅަ ޓީމުތަކުގެ އިސްވެރިންނާއި ޓީސީގެ ހުރިހާ ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.

ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކުލަބް ކަޕްގައި ޓީސީއަށް ވާދަކުރުމުގެ ފުރުޞަތު ލިބިގެންދިޔައީ 2016 ވަނަ އަހަރު އެފްއޭއެމްއިން ބޭއްވި ހުރިހާ މުބާރާތެއްގެ ދެވަނަ ހޯދުމުންނެވެ.