08 Mar 2017, 16:58
ނ. މިލަދޫން ގިނަ ބަޔަކު އެމްޑީއާ ގުޅިއްޖެ އެވެ. މިލަދޫން އަލަށް އެމްޑީއޭއާ ގުޅުނު ފަރާތްތަކުގެ ފޯމު ހަވާލުކުރަން ބޭއްވި ރަސްމިއްޔާތު އޮތީ އިއްޔެ އެމްޑީއޭގެ އޮފީހުގަ އެވެ.
މި ފޯމުތައް ހަވާލުކޮށްދެއްވީ ކުރިޔަށް އޮތް ލޯކަލް ކައުންސިލްގެ އިންތިޚާބުގައި މިލަދޫ ކައުންސިލަށް އެމްޑީއޭގެ ޓިކެޓުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ކަމަށްވާ ހުސެއިން އަލީ އާއި އަހުމަދު އިބްރާހީމް އެވެ.
އެ ރަސްމިއްޔާތުގައި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފު ވިދާޅުވީ މިލަދޫން ގިނަ އަދަދެއްގެ ޒުވާނުން އެމްޑީއޭއާ ގުޅުމަކީ ޕާޓީ އަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ. ނ. އަތޮޅުގެ އެއްވެސް ރަށެއް ބާކީ ނުކޮށް މުޅި އަތޮޅުގެ ހާލަތު ރަނގަޅު ކުރެވިގެން ދިއުމަކީ އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ވަރަށް ބޮޑު އުއްމީދެއް ކަމަށް ވެސް މައުރޫފު ވިދާޅުވި އެވެ.
އަހުމަދު ޝިޔާއު އެމްޑީއޭ އަށް ސޮއިކުރުމަށް ފަހު ފޯމު ހަވާލުކުރައްވަނީ --- ފޮޓޯ އެމްޑީއޭ
އިއްޔެގެ ރަސްމިއްޔާތުގައި ވަނީ ޢާއިޝަތު ވެލެޒިނީގެ ކޮއްކޮ، އަހުމަދު ޝިޔާއު ވެސް އެމްޑީއޭ އަށް ސޮއިކުރައްވައިފަ އެވެ.
އިއްޔެގެ ރަސްމިޔާތުގައި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަދި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރުގެ އިތުރުން ޑެޕިއުޓީ ލީޑަރު ޢާއިޝަތު ރަފިއްޔާ އާއި ގައުމީ ކައުންސިލުގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.