ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން ސަރަހައްދުގެ ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމަށް ރާއްޖޭގެ ގައުމީ ފިރިހެން ވޮލީ ޓީމު ތައިލޭންޑަށް ފުރައިފި އެވެ.

ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން ސަރަހައްދުގެ ވޮލީބޯޅަ މުބާރާތް ކުރިއަށްދާނީ މިމަހުގެ 22 ން 30 ވަނަ ދުވަހުގެ ނިޔަލަށް މާލޭގައެވެ.

ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް 'ސަން ސްޕޯޓްސް'އަށް ވިދާޅުވީ ގައުމީ ވޮލީ ޓީމް ތައިލެންޑުގައި މަޑުކުރާ ދުވަސްތަކުގެ ތެރޭގައި ހަތް މެޗެއް ކުޅެން ހަމަޖެހިފައިވާ ކަމަށާއި މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ތައިލޭންޑުގެ އެއްވަނަ ޑިވިޝަނުގެ ޓީމުތަކާ ދެކޮޅަށް ކަމަށެވެ.

އެ މުބާރާތައް ތައްޔާރުވުމުގެ ގޮތުން މާލެގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ގައުމީ ފިރިހެން ވޮލީ ޓީމުން ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވާއިރު ލަތީފް ވިދާޅުވީ ޓީމް އޮތީ މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށާއި ތައިލެންޑުގައި ކުރިއަށް ގެންދާ ފަރިތަކުރުންތަކަށް ފަހު ޓީމު އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށެވެ.

"ރާއްޖޭގައި ބާއްވާ އޭވީސީ މުބާރާތް ދިވެހި ޓީމުން ކާމިޔާބުކުރުމަކީ މުޅި ވޮލީ އާއިލާގެ ވެސް ހުވަފެނެއް. އެކަން ކާމިޔާބު ކުރަން ބޭނުންވާ ކޮންމެ އުކުޅެއް ބޭނުން ކުރާނަން. މުޅި ޓީމުގެ އަމާޒަކީ ތަށި" ލަތީފް ވިދާޅުވިއެވެ.

ތައިލެންޑަށް ޓީމު ފުރި އިރު ޓީމުގެ ހެޑްކޯޗަކަށް ހަމަޖައްސާފައިވަނީ މުހައްމަދު ޝަރަފްއެވެ. އެސިސްޓަންޓް ކޯޗުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އިބްރާހިމް ޝިހާމް (ސަޑިއްކެ) އަދި މުހައްމަދު ސާޖިދު (ކާއްޓޭ) ވެސް ވަނީ ފުރާފައެވެ.

ރާއްޖޭގައި ކުރިއަށްގެންދާ މި މުބާރާތުަގައި ދިވެހިރާއްޖެގެ އިތުރުން ތުރުކުމެނިސްތާނާއި ކިރްގިސްތާނާއި ނޭޕާލުގެ ގައުމީ ޓީމްތައް ވާދަކުރާނެއެވެ.