11 Mar 2017, 20:01
އދ (މާޗް 11): އުތުރު ކޮރެއާއިން ފުރުން މަނާ ކުރި މެލޭޝިއާ ރައްޔިތުންގެ ތެރޭގައި ހިމެނޭ އދ. ގެ ދެ އޮފިޝަލުން އެގައުމުން ފުރައިފި ކަމަށް އދ. އިން ބުނެފި އެވެ.
އުތުރު ކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން ފުރައިގެން ދިޔުން އުތުރު ކޮރެއާއިން މަނާ ކުރީ އެގައުމުގެ ލީޑަރު ކިމް ޖޮންގް އުންގެ ބޭބެ ކިމް ޖޮންގް ނަމްގެ މަރުގެ މައްސަލައިގަ އެވެ.
އދ. ގެ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) ގައި މަސައްކަތް ކުރާ އެ ދެ އޮފިޝަލުންގެ އަތުގައި އދ. ގެ ޓްރެވެލް ޑޮކިއުމެންޓުތައް އޮތް ކަމަށާއި މިހާރު އެ ދެ މީހުން ޗައިނާއަށް ގޮަސްފައިވާ ކަމަށް ޑަބްލިއުއެފްޕީ އިން ނެރުނު ބަޔާނެއްގައިވެ އެވެ.
"ޑަބްލިއުއެފްޕީގެ މުވައްޒަފުންނަކީ އެމީހުން ނިސްބަތްވާ ގައުމެއްގެ ސަރުކާރު ރަމްޒުކޮށްދޭ ބައެއް ނޫން. ނަމަވެސް އެއީ ބައިނަލްއަގުވާމީ ސިވިލް ސާވެންޓުން،" ޑަބްލިއުއެފްޕީގެ ބަޔާނުގައިވެ އެވެ.
އަދި އެ ދެ މީހުން އުތުރު ކޮރެއާއިން ބޭރަށް ގެންދިޔުމުގައި މެލޭޝިއާއިން އެއްވެސް ދައުރެއް އަދާ ނުކުރާ ކަން ވެސް ޑަބްލިއުއެފްޕީން ފާހަގަ ކުރި އެވެ.
އުތުރު ކޮރެއާއިން އެފިޔަވަޅު އެޅުމާ ގުޅިގެން މެލޭޝިއާއިން ވަނީ އެގައުމުގައި ތިބި އުތުރު ކޮރެއާގެ ރައްޔިތުންވެސް ފުރުން މަނާކޮށްފަ އެވެ. މެލޭޝިއާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އުތުރު ކޮރެއާގައި އެގައުމުގެ 11 މީހަކު ތިބި އިރު މެލޭޝިއާގައި އުތުރު ކޮރެއާގެ ގާތްގަނޑަކަށް 1000 މީހުން އެބަތިއްބެވެ.
މެލޭޝިއާއިން ބުނާ ގޮތުގައި ކިމް ޖޮންގް ނަމް އަވަހާރަކޮށްލީ ނުރައްކާތެރި ކެމިކަލެއް ކަމަށްވާ ވީއެކްސް ނާވް އޭޖެންޓް ބޭނުންކޮށްގެންނެވެ. ނަމަވެސް އުތުރު ކޮރެއާއިން ވަނީ މެލޭޝިއާއިން ހެދި ޕޯސްޓް މޯޓަމްގެ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށާއި ކިމް ޖޮންގް ނަމްގެ ހަށިކޮޅު އެގައުމާ ހަވާލު ކުރަން ބުނެފަ އެވެ. އަދި މެލޭޝިއާއިން ވަނީ ކިމްގެ ހަށިކޮޅު ހަވާލު ކުރާނީ އޭނާގެ އާއިލާގެ މެމްބަރެއްގެ ޑީއެންއޭ ސާމްޕަލެއް ލިބުމުން ކަމަށް ބުނެފަ އެވެ. (ބީބީސީ)