އާސެނަލް އާއި މެންޗެސްޓާ ސިޓީން އިނގިރޭސި އެފްއޭ ކަޕްގެ ސެމީފައިނަލުން ޖާގަ ކަށަވަރުކޮށްފިއެވެ.

އެފްއޭކަޕް ސެމީފައިނަލުގެ ޖާގައެއް އާސެނަލް އިން ކަށަވަރުކުރީ، ލިންކަން ސިޓީގެ މައްޗަށް ކުރި ހޯދައިގެންނެވެ.

އާސެނަލްގެ ދަނޑުގައި ރޭ ކުޅުނު މެޗުން އާސެނަލް މޮޅުވީ 5-0ގެ ނަތީޖައަކުންނެވެ. މިއީ އާސެނަލް އެ ކްބަލުގެ އަމިއްލަ ދަނޑުގައި މޮޅުވި 200 ވަނަ މެޗެވެ.

ރޭގެ މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައިވަނީ އާސެނަލް އިންނެވެ. އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ތިއޯ ވޮލްކޮޓްއެވެ. ދެވަނަ ލަނޑު އޮލިވާ ޖިރޫ ކާމިޔާބުކޮށްދިން އިރު ތިންވަނަ ލަނޑަކީ ލިންކަން ސިޓީގެ ކުޅުންތެރިން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އާސެނަލްގެ ހަތަރު ވަނަ ލަނޑު 72 ވަނަ މިނިޓްގައި އެލެކްސިސް ސަންޗޭޒް ކާމިޔާބުކޮށްދިން އިރު ފަހު ލަނޑު ކާމިޔާބުކޮށްދިނީ ރަމްސީއެވެ.

މެޗަށް ފަހު އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ ކުޅުންތެރިންގެ މެދުގައި ގެއްލިފައި އޮތް އިތުބާރު ހޯދުމަށް މި ނަތީޖާގެ ސަބަބުން ފަސޭހަވެގެންދާނެ ކަމަށެވެ.

"އަހަރަމެންނަށް މިދިޔަ މެޗުތަކުގައި ވަރަށް ބޮޑަށް ދިމާވި ކޮންފިޑެންސް މައްސަލަ. ނަމަވެސް މި މެޗުގެ ސަބަބުން އަނބުރާ އެ އިތުބާރު ކުޅުންތެރިންގެ މެދުގައި ރަަނގަޅު ވާން ފުރުޞަތު ލިބޭނެ،" ވެންގާ ބުންޏެވެ.

ސިޓީގެ ދެވަނަ ލަނޑު ޖެހުމަށް ފަހު އަގުއޭރޯ އުފާ ފާޅުކުރަނީ --ފޮޓޯ/ ބީބީސީ

ރޭ ސެމީގެ ޖާގަ ކަށަވަރު ކުރި އަނެއް ޓީމަކީ މެންޗެސްޓާ ސިޓީއެވެ. ސިޓީން ސެމީގެ ޖާގައެއް ކަށަވަރު ކުރީ މިޑްލްސްބަރާ އަތުން 2-0 މޮޅުވެގެންނެވެ.

ސިޓީގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ޑޭވިޑް ސިލްވާއާ ސާޖިއޯ އަގުއޭރޯއެވެ.

މި މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ސިޓީގެ ކޯޗު ގާޑީއޯލާ ބުނީ މި ހަފްތާއަކީ ވަރަށް މުހިއްމު ހަފްތާއެއް ކަމަށާއި މި ސީޒަނުގައި ސިޓީއަށް ވާނެ ގޮތް އެނގެނީ މި ހަފްތާގައި ނެރޭ ނަތީޖާއަށް ބަލާފައި ކަމަށެވެ.

"ކުރިއަށް އެބަހުރި ވަރަށް މުހިއްމު މެޗުތަކެއް، މިއީ އަހަރަމެންގެ މުސްތަގުބަލާ ގުޅިފައިވާ ހަފްތާއެއް،" ގާޑިއޯލާ ބުންޏެވެ.

އާސެނަލްއާއި ސިޓީން ސެމީ ފައިނަލުން ޖާގަ ކަށަވަރުކޮށްފައި ވާއިރު، ސެމީގެ އަނެއް ދެޖާގަ ލިބޭނީ، ޓޮޓެންހަމް ހޮޓްސްޕާސް އާއި މިލްވޯލް ކުޅޭ މެޗާއި ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ.