13 Mar 2017, 13:44
އިންފުލުއެންޒާ ވައިރަސްއެއް ފެތުރެމުންދާއިރު ބިރުގަންނަން ނުޖެހޭ ކަމަށާއި އެއީ ހައްލުކުރެވޭ އަދި އާންމު ރޯގާއެއް ކަމަށް ރާއްޖޭގައި މިހާރު ހުރި ކުޑަކުދިންގެ ބަލިތަކަށް އެންމެ މަގްބޫލު އެއް ޑޮކްޓަރު އަބްދުﷲ ނިޔާފު ވިދާޅުވެއްޖެ އެވެ.
އިންފުލުއެންޒާ އާ ގުޅިގެން އުފެދެމުންދާ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިޔާފު ވިދާޅުވީ އިންފުލުއެންޒާ ވައިރަސްއެއް އަލަށް އުފެދިގެން އަންނަ އިރު އެވައިރަސްގެ ނުރައްކާ ބޮޑުނަމަވެސް މިހާރު މިފެތުރޭ އެޗްވަންއެންވަން އަކީ އަލަށް ފެތުރޭ ރޯގާއެއް ނޫން ކަމަށެވެ.
"އެޗްވަންއެންވަން ވަރަށް ނުރައްކާތެރި ބައްޔެއް ގޮތުގައި މީގެ ކުރިން އަޅުގަނޑުމެންނަށް އަޑުއިވިގެން ދިޔަ. އެއީ އެބަލި ދުނިޔެއަށް ފެތުރެމުން ދިޔަ ދުވަސްވަރު[2009]، އެއީ އެދުވަސްވަރު އިންސާނުންގެ ހަށިގަނޑުގައި އެކަށީގެންވާ އެންޓިބޮޑީސް ނުހުންނާނެ ކަމަށް ބެލެވުން، އެހެންނަމަވެސް މިހާރު އާންމު ވަމުންދާ ބައްޔެއްގޮތަށް ފެތުރެން ފެށީމާ މިބައްޔާއި މިވައިރަސްއާ ދެކޮޅަށް ވެސް އިންސާނުންގެ ގައިގަ އެންޓިބޮޑީސް މިހާރު ހުންނާނެ ކަމަށް ބެލެވެނީ،" ނިޔާފު ވިދާޅުވި އެވެ.
"މީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން ގައިގައި ރިހުން ނޭފަތްބެދުން، އާދަޔާ ހިލާފަށް ވަރުބަލިވުން، ކެއްސުން، މިކަހަލަ އަލާމާތްތަކަކާ އެއްކޮށް އުނދަގޫތަކެއްވާ ނަމަ ޑޮކްޓަރަށް ދައްކާ. އޭރުން އެބޭފުޅުންނަށް ހާއްސަކޮށް ހަމަ ދެ ހޮސްޕިޓަލުން ބެލެވި ހާއްސަ ފަރުވާއެއް ކުރެވޭނެ،" އައިޖީއެމްއެޗާއި އޭޑީކޭ ހޮސްޕިޓަލަށް އިޝާރާތްކުރައްވައި ނިޔާފު ވިދާޅުވި އެވެ.
އެވައިރަސް ފެތުރި ދުވަސްވާވަރަކަށް ދިފާއީ ނިޒާމުން ދަނީ އެވައިރަސްއަށް ގަދަވުމަށް ކަމަށާއި 2015 ވަނަ އަހަރުން ފެށިގެން އެޗްވަންއެންވަން ވައިރަސް ފެނި އާދައިގެ ފަރުވާއަކުން މީހުން ރަނގަޅުކުރެވިފައިވާ ކަމަށް ނިޔާޒު ވިދާޅުވި އެވެ.
"މިހާތަނަށް އަޅުގަނޑުމެންގެ ތަޖުރިބާއަކީ އެޗްވަންއެންވަން ފެންނަ ޕޭޝެންޓުން ވެސް ފަރުވާ ކުރުމުން ރަނގަޅުވޭ،. އެޗްވަންއެންވަންގެ 2015 އަދި 2016 ގައި 16 ކޭސް އެއް ފާހަގަވެފައިވޭ، އެއީ ޓެސްޓް ކުރެވުނު 475 މީހުން ޓެސްޓް ކުރެވިގެން،" ނިޔާފު ވިދާޅުވި އެވެ.
މިއަހަރު 208 މީހުން ޓެސްޓް ކުރެވުނު އިރު 27 މީހުންގެ ގައިން އެޗްވަންއެންވަން ފެނިފައިވެ އެވެ.
އެބައްޔަށް ފަރުވާދެމުންދަނީ ހުމަށާއި ރޯގާއަށް ދެވޭ ބޭސްދެވި ދިޔާތަކެތި ދީގެން ކަމަށާއި އާންމުކޮށް އެބައްޔަށް ވަކި ހާއްސަ ފަރުވާއެއް ކުރާކަށް ނުޖެހޭ ކަމަށް ނިޔާފު ވިދާޅުވި އެވެ. ސީރިއަސް ކޭސްތަކުގައި ވަކި ގޮތަކަށް އަމަލުކުރާ އިރު އެކަމަށް ތައްޔާރުކަމަށް ވެސް ނިޔާފު ވިދާޅުވި އެވެ.
"ރާއްޖެ އިން މިފެންނަނީ މުޅިން އާބާވަތެއްގެ ބައްޔެއް ނޫން. ރާއްޖޭގައި މިފެންނަނީ ފެތުރެމުންދާ ބައްޔަކަށް ވިޔަސް ފެތުރިގެންދާ ދިޔުމުގައި ނުރައްކާތެރި މަރުހަލާގައި ތިބި މީހުނެއް ނޫން ގިނައީއެއް. އާންމުކޮށް ފެތުރިގެންދާއިރު ވެސް ގިނަ މީހުންނަށް ހަމަ އާދައިގެ ފަރުވާތަކަކުން މުޅިން ރަނގަޅުވެގެންދޭ، ހާއްސަކޮށް ވަކިން ބެލެވި ހާއްސަ ފަރުވާ ކުރަން ޖެހޭ ކުދިންނަށް ފަރުވާ ކުރުމުގެ ގާބިލްކަން އަޅުގަނޑުމެން އަތުގައި އެބަހުރި،" ނިޔާފު ވިދާޅުވި އެވެ.