އަންނަ ހޮނިހިރު ދުވަހު ރާއްޖެ ވަޑައިގަންނަވާ ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒުގެ ލަގްޒަރީ ޔޮޓު ކޮޅު ރާއްޖޭގައި ބަނދަރުކޮށްފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި، "އަލް ސަލަމާހް"ގެ ނަން ދީފައިވާ އެ މެގަ ޔޮޓް ރާއްޖޭގައި ބަނދަރު ކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ކިންގް އަބްދުﷲ ޕޯޓުން ފުރައިގެން ރާއްޖެ އައި އެ ޔޮޓު ބަނދަރު ކޮށްފައި ވަނީ މާލެއާ ވަރަށް ދުރުގަ އެވެ.

ދުނިޔޭގެ ލީޑިން ލަގްޒަރީ ޔޮޓް ޗާޓާ ކުންފުނި، ޗާޓާ ވޯލްޑް އިން ބުނާ ގޮތުގައި ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒުގެ އެ ޔޮޓް ކޮޅަކީ ދުނިޔޭގެ 10 ވަނަ އަށް އެންމެ ބޮޑު ޔޮޓެވެ.

ދިގު މިނުގައި 139 މީޓަރު ހުންނަ އެ ޔޮޓުގައި 22 ކެބިންގައި 40 ގެސްޓުންނަށް އަދި 37 ކެބިންގައި 94 ކުރޫ އިންނަށް އުޅެވެ އެވެ. އޭގެ ތެރޭގައި 10 ވީއައިޕީ ސޫޓާއި އަށް ގެސްޓް ރޫމް ހިމެނެ އެވެ.

ޖަރުމަނުގެ ކުންފުންޏަކުން ބަނދެފައިވާ އެ ޔޮޓް ބާލާފައި ވަނީ 1999 ވަނަ އަހަރު އެވެ. އޭގެ ފަހުން 2006 ވަނަ އަހަރު ބޮޑެތި ބަދަލުތަކެއް އެ ޔޮޓަށް ގެނެސްފައިވާ އިރު އަށް ޑެކް ހިމެނޭ އެ ސުޕަ ޔޮޓްގައި ސެކްރެޓަރީ އޮފީހަކާއި ޖިމަކާއި ސިނަމާއަކާއި ކުތުބުޚާނާއަކާއި ބިޒްނަސް ސެންޓަރެއްގެ އިތުރުން ސެލޫން އަކާއި ބިއުޓީޝަން އެންޑް ސްޕާއެއް ހިމެނެ އެވެ.

ސައުދީ ރަސްގެފާނުގެ ސުޕަ ޔޮޓް ---

ޔޮޓްގެ ހަތް ވަނަ ޑެކް ކިންގް ސަލްމާނަށް ހާއްސަ ކުރެވިފައިވާ އިރު، ހުރިހާ ވަސީލަތްތައް ހިމެނޭ ހޮސްޕިޓަލެއް ވެސް ޔޮޓްގައި ހިމެނެ އެވެ.

ސައުދީ ރަސްގެފާނުގެ ޔޮޓް ކޮޅު ރާއްޖޭގައި ބަނދަރުކޮށްފައިވާ އިރު، އެމަނިކުފާނުގެ ދަތުރުފުޅާ އެ ގައުމުގެ މަނަވަރެއް ވެސް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ރާއްޖޭގައި ބަނދަރުކޮށްފަ އެވެ.

މާލެއާ ދޫނިދޫއާ ދެމެދު އަޅާފައި އޮތް "ބޮރައިޑާ 902" ނަމަކަށް ކިޔާ އެ މަނަވަރަކީ ސައުދީ ރޯޔަލް ނޭވަލް ފޯސަސް (އެސްއާރުއެންއެފް)ގެ އުޅަނދެކެވެ. ދެ ހެލިކޮޕްޓަރު ވެސް އޮންނަ އެ އެ އުޅަނދު އާއްމުކޮށް ހަރަކާތްތެރި ވަނީ ސައުދީގެ ޝާހީ އާއިލާތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށެވެ.