15 Mar 2017, 11:51
ރާއްޖެއަށް ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި 30 އަހަރު ފުރުން، އޭޑީކޭ ހޮސްޕިޓަލުން މިއަދު ފާހަގަ ކުރާއިރު، އެ ހޮސްޕިޓަލުން މިއަހަރު އަމާޒު ހިފާފައިވަނީ، ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަަކަށް އެ ހޮސްޕިޓަލު ހެދުމަށެވެ.
އޭޑީކޭގެ ހޮސްޕިޓަލުން ސިއްހީ ހިދުމަތް ފޯރުކޮށްދޭން ފަށާފައިވަނީ، "މެޑިކްލިނިކް"ގެ ނަމުގައި މީގެ 30 އަހަރު ކުރިން 1987 ވަނަ އަހަރުގެ މާޗު މަހުގެ 15 ވަނަ ދުވަހު އެވެ.
އޭޑީކޭ ހޮސްޕިިޓަލަށް 30 އަހަރު ފުރުން ފާހަގަ ކުރުމަށް އެ ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނުގައި ބުނީ، ބަލިމީހުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ އެ ހޮސްޕިޓަލުގެ އަމާޒު ކަމަށެވެ.
މިއަހަރަކީ އޭޑީކޭއިން ދޭ ހިދުމަތްތައް ވަރަށް ބޮޑަށް ފުޅާވެގެންދާނެ އަހަރަކަށް ވާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ. އެ ހޮސްޕިޓަލުން ބުނީ، މިއަހަރުތެރޭގައި އިތުރު ވަސީލަތްތަކާއި، މުޅިން އަލަށް ހިދުމަތްތަކެއް ތައާރަފް ކުރުމަށް ތައްޔާރު ވަމުންދާ ކަމަށެވެ.
އެގޮތުން އެ ހޮސްޕިޓަލުގެ އާ އިމާރާތަކާއި ތިއޭޓާ ކޮމްޕްލެކްސް އެއް ހުޅުޅުވުމަށް ތައްޔާރުވަމުން ދާ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
އޭޑީކޭއިން ބުނީ އެ ހޮސްޕިޓަލުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ބޭނުންވާ ސިއްހީ ހިދުމަތްތައް ރަނގަޅު ފެންވަރުގައި އަމިއްލަ ގައުމުގައި ތިބެގެން ހޯދޭނެ މަގު ފަހި ކޮށްދިނުން ކަމަށެވެ. އެގޮތުން ޒަމާނީ ވަސީލަތްތަކާއި މެޝިނަރީޒް ބޭނުންކޮށްގެން ފެންވަރު ރަނގަޅު ފަންނީ އަދި ޓެކްނިކަލް މުވައްޒަފުންގެ އެހީތެރިކަމާ އެކު އެ ހޮސްޕިޓަލުން ސިއްހީ ދާއިރާގަައި ކުރިއެރުމާއި ކާމިޔާބުތައް ހޯދަމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިވާނެހެން ރައްޔިތުންގެ އާދަތައް ގެންގުޅުމަށް ހިތްވަރުދީ ހޭލުންތެރިކުރުމުގެ މަސައްކަތަކީ އެ ހޮސްޕިޓަލުން އިސްކަންދޭ ކަމެއް ކަމަށާއި، އެފަދަ ޕްރޮގްރާމުތައް އެ ހޮސްޕިޓަލުން އިސްނަގައިގެން ހިންގާ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ. އަދި މުޖުތަމައުގައި ހިންގާ އެފަދަ ޕްރޮގްރާމުތަކުގައި ބައިވެރިވުމަކީ އެ ހޮސްޕިޓަލުން އިސްކަމެއްދޭ ކަމެއް ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
އޭޑީކޭ ހޮސްޕިޓަލުން ނެރުނު ބަޔާނުގައި، އެތަނުގެ މުވައްޒަފުންނަށާއި އެ ހޮސްޕިޓަލުން ހިދުމަތް ހޯދާ ފަރާތްތަކަށް ޝުކުރު އަދާ ކޮށްފައިވެއެވެ. އެގޮތުން އޭޑީކޭ ކުރިއަރައި ދިއުމުގެ ސަބަބަކީ، ހިދުމަތް ހޯދާ ފަރާތްތަކުގެ ބިނާކުރުވަނިވި ފާޑުކިޔުންތައް ކަމުގައި އެ ހޮސްޕިޓަލުން ވަނީ ފާހަގަކުރެއެވެ.