ގއ. ކަނޑުހުޅުދޫއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ގެއްލުންތަކެއް ވެއްޖެ އެވެ.

އެރަށަށް ރެއިން ފެށިގެން މިއަދުގެ ހެނދުނާއި ޖެހެންދެން ވަނީ ހުއްޓާނުލައި ބޯކޮށް ވާރޭ ވެހިފަ އެވެ.

ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް ނަޖާހު މުހައްމަދު 'ސަން' އަށް ވިދާޅުވީ، އެ ރަށުގައި ފެންބޮޑުވުމުގެ ސަބަބުން ފެން ހިންދުމުގެ މަސައްކަތް ކައުންސިލުން މިއަދު ހެނދުނު ފަށާފައިވާ ކަމަށެވެ. އަދި ކައުންސިލުން ފެން ހިންދަން ބޭނުންކޮށްފައި ވަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން އެ ކައުންސިލަށް ދީފައިވާ ޕަންޕު ބޭނުން ކޮށްގެން ކަމަށެވެ.

ނަމަވެސް ކައުންސިލަށް އެކަނި އެކަން ނުވާނެތީ އެމްއެންޑީއެފްގެ ކާޑެއްދޫ ޕޯސްޓުގެ އެހީތެރިކަމަށް އެދުނު ކަމަށް ނަޖާހު ވިދާޅުވި އެވެ.

"އެ ޕަންޕުތައް ބޭނުންކޮށްގެން ކައުންސިލުން އެކަނި ނުވާނެތީވެ، ކާޑެއްދޫ ޕޯސްޓުގެ އެހީތެރިކަމަށް އެދުނީ،" ނަޖާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ވާރޭ ވެހުމުގެ ސަބަބުން ރަށު ތެރޭގައި ފެންބޮޑުވުމުގެ އިތުރަށް ގިނަ ގޭގެއަށް ވެސް ފެންވަދެ ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ލިބުނު ގެއްލުން އަދި ދަންނަވަން ދަތި ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޖާހު ވިދާޅުވީ، ގޭގެއަށް ލިބުނު ގެއްލުން ކައުންސިލަށް އެންގުމަށް ރައްޔިތުންނަށް އަންގާފައިވާނެ ކަމަށެވެ.

"[ލިބުނު ގެއްލުމާމެދު] އަޅުގަނޑުމެންނަކަށް ނެތް ސީދާ އެއްޗެއް ބުނެވޭކަށް. އެއީ އަޅުގަނޑުމެންވާނީ އިއުލާނުކޮށްފައި. ގެއްލުން ލިބުނު ފަރާތްތައް ކައުންސިލަށް ވަޑައިގެން ނަންނޯޓުކޮށްފައި، ލިބުނު ގެއްލުންތައް ނޯޓު ކޮށްލަން،" ނަޖާހު ވިދާޅުވި އެވެ.

ކަނޑުހުޅުދޫއަށް ވާރޭވެހި ފެންބޮޑުވެފައިވާއިރު، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ބޮޑު ބަޔަކަށް ކުރާނެ ކަމަށް ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރުންވަނީ ލަފާކޮށްފަ އެވެ.