16 Mar 2017, 09:53
ހަލުވިކަމާ އެކު މިހާރު ފެތުރެމުންދާ އެޗްވަން އެންވަން އިންފުލުއެންޒާ ވައިރަހަށް ޕޮސިޓިވްވި ފ. ނިލަންދޫ 51 އަހަރުގެ އަންހެނަކު ނިޔާވެއްޖެ އެވެ.
އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައި ވަނީ ފ. ނިލަންދޫ ބުރުނީގެ، ފާތިމަތު އިސްމާއިލް، 51، ކެވެ.
އެ އަންހެން މީހާ ނިޔާވެފައި ވަނީ ރޭގެ ވަގުތެއްގަ އެވެ. އެނގިފައިވާ ގޮތުން ފާތިމަތު އައިޖީއެމްއެޗަށް ގެންދިޔައީ ކިޑްނީގެ މައްސަލަތަކެއް ހުރެގެންނެވެ.
ނަމަވެސް އެޗްވަން އެންވަންގެ އަލާމާތްތަކެއް ހުރެގެން ޓެސްޓް ހެދި އިރު އޭނާ ވަނީ އެޗްވަން އެންވަންއަށް ޕޮސިޓިވްވެފަ އެވެ.
މިއީ މިބަލީގައި ނިޔާވި ދެވަނަ މީހާ އެވެ. މި މަހުގެ ހަތަރު ވަނަ ދުވަހު 26 އަހަރުގެ ފިރިހެނަކު ވެސް ވަނީ ނިޔާވެފަ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ އާންމު ކުރި ހިސާބުތައް ދައްކާ ގޮތުން ސުވައިން ފުލޫ އަށް ޕޮސިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެ ގޮތުން އިއްޔެގެ ނިޔަލަށް 279 މީހަކު ވަނީ ސުވައިން ފްލޫ އަށް ޓެސްޓުކޮށްފަ އެވެ. އޭގެ ތެރެއިން 82 މީހަކު ވަނީ ސުވައިން ފްލޫ އަށް ޕޮޒިޓިވް ވެފަ އެވެ.