16 Mar 2017, 18:50
އޭޑީކޭއިން ހ. ސޯސަން ގޭގައި ހިންގާ ފްލޫ ކްލިނިކްގައި ވޮލަންޓިއާކޮށް މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދަން ފަށައިފި އެވެ.
އެ ކްލިނިކުން ބުނީ ދުވާލަކު ދެ ގަޑިއިރާއި ހަ ގަޑިއިރާ ދެމެދުގެ މުއްދަތަކަށް ޝިފްޓް ޑިއުޓީ އުސޫލުން ހިލޭ ސާބަހަށް އެ ކްލިނިކުގައި މަސައްކަތް ކުރާނެ ނަރުހުންނާއި އެޑްމިނިސްޓްރޭޓިވް އެސިސްޓެންސް ފޯރުކޮށްދޭނެ ފަރާތްތައް ހޯދަން ބޭނުންވާ ކަމަށެވެ.
އެގޮތުން ހޯދާ ނަރުހުން ކުރަން ޖެހޭ މަސައްކަތަކީ އަންނަ ބަލި މީހުންގެ ވައިޓަލްސް ޗެކް ކުރުމާއި ބަލިމީހުންގެ މެޑިކަލް ހިސްޓްރީ ޗެކް ކުރުން ކަމަށާއި އިދާރީ ގޮތުން އެހީ ބޭނުންވަނީ ބަލިމީހުންގެ ލިސްޓު އަޕްޑޭޓުކޮށް ބެލެހެއްޓުން ކަމަށް އެ ކްލިނިކުން ބުންޏެވެ.
އޭގެ އިތުރުން ވޮލަންޓިއާކޮށް މަސައްކަތް ކޮށްދޭ ފަރާތްތަކުން ބޭނުންވާ ގަޑިއެއްގައި ޑިއުޓީ ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށްވެސް އެ ކްލިނިކުން ބުންޏެވެ.
މިހާތަނަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން، ސްވައިން ފްލޫއަށް ޝައްކު ކުރެވިގެން 335 މީހުން ޓެސްޓުކޮށްފައިވާއިރު އޭގެ ތެރެއިން 105 މީހަކު ވަނީ ހުމަށް ޕޮޒިޓިވް ވެފައެވެ. އަދި ތިން މީހަކު ވަނީ ހުމުގެ ސަބަބުން މަރުވެފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެންމެ ގިނަ ބަޔަކު ފަރުވާއަށް އެދެމުންދަނީ ހދ. އަތޮޅުންނެވެ. މި ހުން ފެތުރޭތީ ސިވިލް ސާވިސްގެ މާބަނޑު އަންހެނުންނަށް ވަނީ ޗުއްޓީ ދީފައެވެ. ސިވިލް ސާވިސްގެ މުވައްޒަފުންގެ އިތުރުން ޝަރުއީ ދާއިރާގެ މާބަނޑު މުވައްޒަފުންނާއި އެޗްއާރުސީއެމް އަދި އެމްޕީއެލްގެ މާބަނޑު މުވައްޒަފުންނަށްވެސް ވަނީ ޗުއްޓީ ދީފައެވެ.