17 Mar 2017, 01:09
ސައުދީ އަރަބިއްޔާގެ ރަސްގެފާނު ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށް ދިވެހި އަންހެނަކާ އިނދެގެން ރާއްޖޭގައި ދިރިއުޅެމުން އައި ޔަމަނުގެ ރައްޔިތަކު ޑީޕޯޓު ކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޔަމަނުގެ ރައްޔިތަކު ހައްޔަރު ކުރުމަށްފަހު އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އިތުރު މައުލޫމާތު ދެވެން ނެތް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
އެކަމާ ގުޅޭ އިތުރު މައުލޫމާތު، އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރުގެ ފޯނު ނިއްވާލާފައި އޮތުމުން ވަނީ ލިބޭ ގޮތް ނުވެފައެވެ.
ރާއްޖެއިން ހައްޔަރު ކުރި ޔަމަނު މީހާއަކީ އަހުމަދިއްޔާ ސްކޫލާއި އަރަބިއްޔާ ސްކޫލްގައި އަރަބި މާއްދާ ކިޔަވައިދެމުން އައި ޓީޗަރެކެވެ.
އަޑުފެތުރިފައިވާ ގޮތުގައި އޭނާ ހައްޔަރު ކުރީ ޓެރަރިޒަމްގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ކަމަށް ބުނެ ވެސް އަޑުތައް ދަނީ ފެތުރެމުންނެވެ.
ޔާސިރު ރާއްޖެގައި ވަޒީފާ އަދާ ކުރާތާ އަހަރެއް ހާ ދުވަސްވެފައިވާއިރު، އޭނާ ރާއްޖޭގައި ދިރިއުޅެމުން އައީ ޑިޕެންޑެންޓް ވިސާގައެވެ. އަދި އޭނާގެ އަންހެނުން އިނީ ވިހަން ކައިރިވެފައި ކަމަށްވެ އެވެ.
ސައުދީގެ ރަސްކަމަށް އިސްވެވަޑައިގަތް ފަހުން ސަލްމާން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވަނީ އަންނަ ހޮނިހިރު ދުވަހު އެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވަނީ މިދިޔަ ފެބްރުއަރީ 26 ގައި އޭޝިއާގެ ބައެއް ގައުމުތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ.