ޒުވާން ފޯވަޑް ކީލިއާން އެމްބާޕޭ ނިންމީ ފްރާންސްގެ މޮނާކޯއާ ގުޅުނީ ސްޕެއިންގެ ރެއާލް މެޑްރިޑުން އޭނާ ހޯދުމަށް މަސައްކަތްކުރަމުންދަނިކޮށް ކަމަށް ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.

އުމުރުން 18 އަހަރުގެ ފްރާންސް ފޯވަޑް އެމްބާޕޭ 2013 ވަނަ އަހަރު ރެއާލްގެ ޒުވާން ޓީމުން ފުރުސަތު ހޯދުމަށް ޒިދާންއާ ބައްދަލުކޮށްފައިވާކަން އެމްބާޕޭ ވެސް މިދިޔަ ޑިސެމްބަރު މަހު ކަށަވަރުކޮށްދީފައިވެ އެވެ.

"ރެއާލް މެޑްރިޑަށް އެމްބާޕޭ ގުޅުމާ ވަރަށް ގާތަށް ދިޔަ. އެކަމަކު އޭނާ ގުޅުނީ މޮނާކޯއާ. އަހަރެންނަކަށް އޭނާއާ ބެހޭ ގޮތުން ވާހަކައެއް ނުދެއްކޭނެ. އަހަރެމެން އެންމެންނަށް އެނގޭ އޭނާއަކީ ވަރަށް މޮޅު ކުޅުންތެރިއެއްކަން. އެހާ ޒުވާން އުމުރުގައި އޭނާ އެ ދައްކަނީ މޮޅު ކުޅުމެއް،" އެމްބާޕޭއާ ބެހޭ ގޮތުން ރެއާލްގެ ކޯޗު ޒިދާން ބުންޏެވެ.

މޮނާކޯގެ ޔޫތު ޓީމާ 2013 ވަނަ އަހަރު ގުޅުނު އެމްބާޕޭ، ސީނިއާ ޓީމަށް ފުރަތަމަ މެޗެއް ކުޅުނީ 2015 ވަނަ އަހަރެވެ. މިހާރު އެމްބާޕޭ ވެފައިވަނީ ފާއިތުވެ ދިޔަ 30 އަހަރުގެ ތެރޭގައި ފްރާންސް ލީގުގައި ދިހަ ގޯލު ހަމަކުރި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. އޭނާ ވަނީ ފްރާންސްގެ ލެޖެންޑް ތިއަރީ އޮންރީއާއި، ބެލްޖިއަމް ތަރި އެޑެން ހަޒާޑް އަދި ފްރާންސް ފޯވަޑް ކަރިމް ބެންޒެމާގެ އެ ރެކޯޑުތައް މުގުރާލައިފަ އެވެ.