އަންނަ މެއި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކަވަރޭޖު ގެނެސްދިނުމުގައި ބްރޯޑްކާސްޓަރުން އަމަލު ކުރަންވީ ގޮތުގެ އުސޫލެއް އެކުލަވާލައިފި އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ނެރެފައިވާ ސާކިއުލާގައި، ކެންޑިޑޭޓުންނާއި ގުޅުން ހުރި ހަބަރާއި މައުލޫމާތު ގެނައުމުގައި އަސްލެއްނެތް ނުވަތަ އެންޓި ކެމްޕެއިން ކަމަށް ބެލެވޭ އެއްވެސް ކޮންޓެންޓެއް ބްރޯޑްކާސްޓް ނުކުރުމަށް ގޮވާލާފައިވެއެވެ.

އެ ސާކިއުލާގައި، ހަމަހަމަކަމާ އެކު ހުރިހާ ކެންޑިޑޭޓުންނަށް ވަގުތު ދިނުމަށް ގޮވާލާފައިވެ އެވެ. އަދި ބްރޯޑްކާސްޓަރުން މިނިވަން، އިންސާފުވެރި އިންތިހާބަކަށް ބުރޫއަރާފާނެ އެއްވެސް ބާވަތެއްގެ އަމަލެއް ނުކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

އޭގެ އިތުރުން އެ ސާކިއުލާގައި އަބުރު ރައްކާތެރިކުރުމާއި، ބްރޯޑްކާސްޓު ކުރުމުގެ ގާނޫނުގެ ދަށުން ބްރޯޑްކާސްޓަރުން އަމަލުކުރުމަށް ލާޒިމް ކުރާ ބްރޯޑްކާސްޓު ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާގޮތަށް އަމަލު ކުރުމަށް ވަނީ ހަނދާންކޮށްދީފައެވެ.

"އެހެންކަމުން، އިންތިޚާބާ ގުޅޭގޮތުން ބްރޯޑްކާސްޓަރުން ފޮނުވާ އެންމެހައި ކޮންޓެންޓެއްމެ އިންތިޚާބުތަކާ ބެހޭ އާއްމު ޤާނޫނާއި އަބުރު ރައްކައުތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އަދި 'އިންތިޚާބު ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ގައިޑްލައިނާ' އެއްގޮތަށް ބެހެއްޓުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް މި ކޮމިޝަނުން އިލްތިމާސް ކުރަމެވެ." އެ ކޮމިޝަނުން ނެރެފައިވާ ސާކިއުލާގައި ބުނެފައިވެ އެވެ.

އެކޮމިޝަނުން ބުނެފައިވަނީ، ސިޔާސީ ގޮތުން ވާދަވެރިކަން އޮތް މި ދުވަސްވަރު އިންތިހާބާ ބެހޭ ކަންތައްތަކުގައި ސައްހަ އަދި ތެދު މައުލޫމާތު ގެނެސްދިނުމަކީ އިންތިހާބާ މެދު ރައްޔިތުންގެ އިތުބާރު އިތުރުވެގެންދާނެ ކަމެއް ކަމަށެވެ.