ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ 15 މެމްބަރުންގެ ސޮޔާއެކު ހުށަހަޅައިފިއެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ މިއަދު 1:30 ގައެވެ. މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރުނެތްކަމުގެ މައްސަލާގައި ސޮއިކުރެއްވީ 26 މެމްބަރުންނެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅޭނީ އެންމެ މަދުވެގެން 15 މެމްބަރުންގެ ސޮއިއާ އެކުގައެވެ.

އިދިކޮޅު ފަރާތްތައް ގުޅިގެން މިއަދު މެންދުރުފަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން، ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވިދާޅުވީ މޫސަގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި 15 މެމްބަރަކު ސޮއި ކުރެއްވީ އަވަހަށް އެ މަސައްކަތް ފެށުމަށް ކަމަށެވެ. އިތުބާރު ނެތް ކަމުގެ މައްސަލާގައި މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާއިރު، 42 މެމްބަރުންނަށް ވުރެ ގިނަ މެމްބަރުން ވޯޓު ދެއްވާނެ ކަމަށް ފާރިސް ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރާ ވޯޓުގައި ބޭނުންވާނީ އެ ދުވަހަކު މަޖިލީހުގެ ތަޅުމަށް ވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ އަގުލަބިއްޔަތެވެ.