ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ މެމްބަރު ކަމުން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަހުމަދު އަމީތު އަހުމަދުމަނިކު ވަކިކޮށްފި އެވެ.

ޕީޕީއެމްގެ މެމްބަރު ކަމުން އަމީތު ވަކިކުރަމަށް ނިންމީ މިއަދު ކުރިއަށް ގެންދިޔަ އެ ޕާޓީގެ ސުލޫކީ ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފަސް މެމްބަރުންގެ އިއްތިފާގުންނެވެ.

އަމީތުގެ މައްސަލަ ސުލޫކީ ކޮމެޓީއަށް ހުށަހެޅީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުންނެވެ. ޕީޖީ ގްރޫޕުން އަމީތުގެ މައްސަލަ ހުށަހެޅުމަށް ނިންމީ ރައްޔިތުންގެ މަޖިލޫހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ ވޯޓްގައި އޭނާއާ ދެކޮޅަށް ވޯޓް ދޭނެ ކަމަށް އިއުލާނު ކުރުމާ ގުޅިގެން އިއްޔެ މެންދުރު ބޭއްވިޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން އަމީތު މެމްބަރުކަމުން ވަކިކުރުމަށް ހުށަހެޅުމަށް ނިންމުމުންނެވެ.

ޕީޕީއެމްގެ މެމްބަރު ކަމުން އަމީތު ވަކިކުރީ މައިގަނޑު ހަތަރު ކަމެއް ފާހަގަކޮށްފަ އެވެ.

  1. މަސީހުގެ އިތުބާރުއޮތް ކަމަށް ޕީޕީއެމް ވޯޓް ދިނުމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕުން ތްރީ ލައިން ވިޕެއް ނެރެފައި ވަނިކޮށް، ފާޅުގައި އެކަމާ ދެކޮޅަށް ވާހަކަ ދައްކައި އެ ވޯޓްގައި އިދިކޮޅު ފަރާތްތަކާ ގުޅިގެން މަޖިލީހުން ނުކުތުން.

  2. މީގެ ކުރިން ވެސް ޕީޖީ ގްރޫޕްގެ ނިންމުންތަކާ ހިލާފުވެފައިވުން އަދި އެކަމަށް ނަސޭހްތެރި ވެފައިވާ ކަން ވަނީ ފާހަގަކޮށްފައި
  3. މަސީހުގެ ވޯޓާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ހިންގި ހަރަކާތްތަކުގައި ބައިވެރިވެ ސަރުކާރާއި ޕީޕީއެމް ބަދުނާމުވާ ގޮތަށް ވާހަކަ ދެއްކުން
  4. ޕީޖީ ގްރޫޕުގެ ތްރީ ލައިން ވިޕާ ހިލާފުވުން

ޕީޖީ ގްރޫޕްގެ ނިންމުމާ ހިލާފުވެ ޕާޓީގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވުމުގެ ސަބަބުން މީގެ ކުރިން ވަނީ ދިއްގަރު ދާއިރާގެ މެމްބަރު އަދި ރައީސް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން އާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ވަހީދު (ލޯޔަރު ވައްޑޭ) ވެސް ވަނީ ޕާޓީން ވަކިކޮށްފަ އެވެ.