ފުލުހުންގެ ނޫސަންދާގައި ކާޑިއެކް ޑައިގްނޯސްޓިކް ލެބެއް މިއަދު ހުޅުވައިފި އެވެ.

ފުލުހުންގެ އިސްކަންދަރުކޮށީގައި ގާއިމްކޮށްފައިވާ ނޫސަންދަ ކްލިނިކްގައި ގާއިމްކުރި ކާޑިއެކް ޑައިގްނޯސްޓިކް ލެބް ހުޅުވާފައި ވަނީ ހިތުގެ ބަލިތަކާ ގުޅުންހުރި "ނޮން އިންވޭސިވް" އެންމެހާ ޓެސްޓުތައް ހެދުމުގެ ގާބިލުކަމާ އެކުގަ އެވެ.

ފުލުހުން ބުނީ އެ ލެބް ހުޅުވުމުން މިހާރު ދެމުންގެންދާ ލެބޯޓްރީ ހިދުމަތާއި ފާމަސީ ހިދުމަތުގެ ތެރެއަށް ޓްރެޑްމިލް ޓެސްޓާއި ބޯލްޓާ މޮނީޓާ އާއި އެކޯ ކާޑިއޮގްރަފީ އިތުރުވެގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.

ނޫސަންދާގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ކާޑިއެކް ޑައިގްނޯސްޓިކް ލެބް ހުޅުއްވައި ދެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނާޒިމް އެވެ.

މިނިސްޓަރު ނާޒިމް ކާޑިއެކް ޑައިގްނޯސްޓިކް ލެބްގައި --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ކާޑިއެކް ޑައިގްނޯސްޓިކް ލެބުންދޭ އެ ހިދުމަތްތަކުގެ މައިގަނޑު ބޭނުމަކީ، ދުވަހެއް ދުވަހަކަށް ހިތުގެ ބަލިތައް އިތުރުވަމުން އަންނަ އިރު، ކާޑިއޮލޮޖިސްޓެއްގެ ސީދާ ބެލުމުގެ ދަށުން ފަސޭހަކަމާ އެކު އެ ހިދުމަތް ހޯދައިދޭނެ މަގު ފަހިކޮށްދިނުން ކަމަށް ފުލުހުން ބުނެ އެވެ.

އެގޮތުން ފުލުހުންނާއި ފުލުހުންގެ އާއިލާތަކުގެ އިތުރުން އާންމު ރައްޔިތުންނަށް އެ ސެންޓަރުން އެ ހިދުމަތްތައް ދޭނެ އެވެ.

ފުލުހުން ބުނީ، ޑައިގްނޯސްޓިކްސް އަށް ބޭނުންވާ ތްރީޑީ އަދި ފޯޑީ އަލްޓްރާސައުންޑް ސްކޭނިން ހިދުމަތް ވެސް މިއަދު ފެށިގެންދާނެ ކަމަށެވެ. އެއީ މާބަނޑު މީހުންގެ ސްކޭން ހެއްދުމަށާއި އެހެނިހެން ބަލިތައް ދެނެގަތުމަށް ކޮންމެހެން ވެސް ބޭނުން ވަސީލަތްތަކެއް ކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ރައްޔިތުންނަށް މުހިންމު ހިދުމަތްތަކެއް ދޭން ތިބޭ ފުލުހުންގެ ދުޅަހެޔޮކަމަކީ ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ދިނުމަށް މުހިންމު ކަމެއް ކަމަށެވެ.

މިނިސްޓަރު ނާޒިމް މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

މިނިސްޓަރު ވިދާޅުވީ ދިވެހި ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއް ހޯދައިދީ، ރާއްޖޭގެ ސިއްހީ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް ރައީސް ޔާމީން އަގުހުރި ބުރަ މަސައްކަތްތަކެއް ކުރައްވާ ކަމަށެވެ. އެގޮތުން ނޫސަންދައިގެ ހިދުމަތް ވެސް އިތުރަށް ފުޅާވެގެން ދިއުމަކީ އޭގެ މިސާލެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ، ފުލުހުންގެ ވެލްފެއާގެ ކަންކަމާއި ފުލުހުންގެ ތަރައްގީއާ ގުޅުންހުރި އެކިއެކި ކަންކަމަށް ރައީސް ޔާމީން ދެއްވާ އަހައްމިއްޔަތު ކަމަކީ ފާހަގަކޮށްލަން ޖެހޭ ކަމެއް ކަމަށެވެ. އެގޮތުން ފުލުހުންގެ ހިދުމަތް ރައްޔިތުންނާ ވީހާ ވެސް ދެވޭނެ ގޮތްތައް ހެދުމަށް އެމަނިކުފާނު ހާއްސަކަމެއް ދެއްވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.