30 Mar 2017, 13:08
ރާއްޖޭގައި ސަރުކާރުން ހިންގާ ސްކޫލްތަކުގައި މަސައްކަތްކުރާ ޓީޗަރުންނަށް އަމާޒުކޮށްގެން އަރަބިބަސް ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.
"ކޮންމެ ސްކޫލެއްގައި ވެސް މާއްދާއެއްގެ ގޮތުގައި އަރަބި ބަސް ކިޔަވާދޭނަން،" ސިޔާސަތުގެ ދަށުން ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްގެން ދިޔަ އެ ތަމްރީނު ޕްރޮގްރާމަކީ ސިންގަޕޫރުގެ "އިރްޝާދު ޓްރަސްޓް ފައުންޑޭޝަން" އާއި ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ.

ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ
އާދީއްތަ ދުވަހު ފެށި އެ ތަމްރީނު ޕްރޮގްރާމްގައި މާލެ އާއި އަތޮޅުތެރޭގެ ސްކޫލްތަކުން އަރަބި އަދި އިސްލާމް ކިޔަވައިދެއްވާ 64 މުދައްރިސަކު ބައިވެރިވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަރަބި ބަހުން ކުރިޔަށް ގެންދިޔަ އެ ތަމްރީނު ޕްރޮގްރާމްގެ މަގްސަދަކީ ރާއްޖޭގެ ސްކޫލްތަކުގައި އަރަބި ބަސް އުނގަންނަވައި ދެއްވުމުގައި މަސައްކަތްކުރައްވާ ދިވެހި މުދައްރިސުން ކިޔަވައިދިނުމުގައި ބޭނުންކުރެވޭ ޒަމާނީ ވަސީލަތްތަކަށް އަހުލުވެރި ކުރުވުން ކަމަށެވެ.
އެ ބަޔާނުގައި ބުނީ، ގައުމީ މަންހަޖުގެ ތެރެއިން އަރަބި ބަސް އުނގަންނަވައި ދެއްވުމުގައި ދަރިވަރުން ޝައުގުވެރިވާ ފަދަ ފިލާވަޅުތަކެއް ކުރިއަށް ގެންދިއުމަށް ވެސް އެ ތަމްރީނު ޕްރޮގްރާމްގައި ޓީޗަރުން އަހުލުވެރިކުރުވާފައިވާ ކަމަށެވެ.

ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ވާހަކަ ދައްކަވަނީ --- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ
"އިރްޝާދް ޓްރަސްޓް ފައުންޑޭޝަން" އަކީ ސިންގަޕޫރް، މެލޭޝިއާ އަދި އިންޑޮނޭޝިއާގައި ވެސް އަރަބި އިސްލާމީ ތައުލީމު އުނގަންނައިދޭ އިންޓަނޭޝަނަލް ސްކޫލް ހިންގާ ގްރޫޕެކެވެ.