ޒުވާން ލަވަކިޔުންތެރިޔާ އައިމިނަތު ބަތޫލްއަށް ސޯޝަލް މީޑިއާގައި ފުރައްސާރަކުރި ކަމަށް ބުނެ ވަޒީފާއިން ވަކިކުރި ފުލުސް މީހާގެ ކުށެއް ނެތް ކަމަށް މޯލްޑިވް ޕޮލިސް ސާވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ނިންމައިފިއެވެ.

އެ މައްސަލަ ތަހުގީގު ނިންމިކަމުގެ ލިޔުމުގައި ވަނީ އެ މައްސަލާގައި ޖިނާއީ އެއްވެސް ކުށެއް ނުހިމެނޭތީ އެ ފުލުސް މީހާއަށް ލިޔުމުން ނަސޭހަތް ދިނުމަށްފަހު އެ މައްސަލަ ފައިލް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އުމުރުން 16 އަހަރުގެ ބަތޫލް އަށް ފުލުސް މީހާ ފުރައްސާރަކުރި ކަމަށް ބުނަނީ މި މަހުގެ ފުރަތަމަ ދުވަހު ބަތޫލްގެ ފޭސްބުކްގައި ހިއްސާކުރި ފޮޓޯއަކައަށް އޭނާ ކުރި ކޮމެންޓަކާ ގުޅިގެންނެވެ. އެ ކޮމެންޓުކޮށްފައި ވަނީ ބަދުއަހުލާގީ ފިލްމު ކުޅޭ އަންހެނަކާ ބަތޫލްއާ ގުޅުވައިގެންނެވެ.

އެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައީ ބަތޫލްއަށް ފުރައްސާރަކޮށް ފުލުސް މީހާ ސޯޝަލް މީޑިއާގައި ކިޔާފައިވާ އެއްޗެހީގެ ސްކްރީންޝޮޓަކާއި ފުރައްސާރަ ކުރި ކަމަށް ބުނާ ފުލުސް މީހާ ޔުނީފޯމްގައި ހުރެ ނަގާފައިވާ ފޮޓޯއެއް ޓްވީޓާގައި ޝެއާ ކުރުމުންނެވެ.

ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭޑަޑް ޑައިރެކްޓްރޭޓުން އެ މައްސަލަ ބެލުމަށްފަހު އެ ފުލުސް މީހާ ވަޒީފާއިން ވަކިކުރީ މި މަހުގެ 13 ވަނަ ދުވަހު އެވެ.

ސަންއާ ވާހަކަދައްކަމުން އެ ފުލުސް މީހާ ބުނެފައި ވަނީ ބަދުއަހުލާގީ ފިލްމު ކުޅޭ އަންހެނަކާ ބަތޫ ވައްތަރު ކަމަށް ބުނެ، އަޅުވާ ކިޔައިފައި ނުވާނެ ކަމަށެވެ.

އެސްސީ ކޮންޓަބަލެއްގެ މަގާމުގައި ހުރި އެ ފުލުސް މީހާ ވަޒީފާއިން ވަކިކޮށްފައި ވަނީ ފުލުހުންގެ ނަމަށް ހުތުރު އަރާގޮތަށް ސޯޝަލް މީޑިއާގައި ވާހަކަދެއްކި ކަމަށް ބުނެއެވެ.