ރާއްޖެއަށް އެތެރެކޮށް ވިއްކުމުގެ ހުއްދަ އޮންނަ ބޭހުގެ ލިސްޓްގައި ހިމެނޭ ބެނެޑްރިލް ސީ އާ ސިރަޕްގެ ބެޗެއްގައި މައްސަލަ ދިމާވެ، އެ ބެޗުގެ ބޭސް އިމްޕޯޓް ކުރުމާއި ވިއްކުމާއި ބޭނުންކުރުން މަނާކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ބެނެޑްރިލް ސީ އާ ސިރަޕް KN5012)) ބެޗްގައި ކުނޑިކޮޅުތަކެއް ހުރިކަން ފާހަގަކުރެވި، އެ ބެޗް ރިކޯލްކޮށްފައިވާ ކަމަށެވެ. އަދި އެ ބޭހުގެ އިތުރު ބެޗްތައް ބަލައި ޗެކްކުރުމުގެ މަސައްކަތް ކުރަމުންދާތީ، އެ ބޭހުގެ އެހެން ބެޗްތައް ބޭނުން ކުރުމުގައި ވެސް، ބޭނުންކުރާ ފަރާތްތަކާއި ސިއްޚީ ޚިދުމަތްދޭ މަރުކަޒުތަކުން އެ ކަމަށް ސަމާލުވުމަށް އަންގާ ކަމަށެވެ.

އެއާ އެކު ބެނެޑްރިލް ސީ އާރ ސިރަޕް KN5012)) ބެޗްގެ ސިރަޕް އިމްޕޯޓް ކުރުމާއި ވިއްކުމާއި ބޭނުންކުރުމަކީ މަނާ ކަމެއްކަން އެ އިއުލާނުގައި ބުނެފައިވެ އެވެ.