30 Mar 2017, 23:54
ފުލުހުންގެ ހިދުމަތުގައި ގިނަ ދުވަހު މަސައްކަތްކުރެއްވުމަށް ފަހު ރިޓަޔަ ކުރައްވާފައިވާ ފަރާތްތަކުން މިއަދު ފުލުހުންގެ ފޯސްއަށް އިހުމާލުވެ ފުލުހުންނާ ކުރިމަތިލާން ގޮވާލުމުން ފަސޭހަ ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ 84 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ފުލުހުންގެ މާސްޓަރުންގެ ގޮތުގައި އިއްޔެ ތިބެފައި މިއަދު ފުލުހުންގެ ފޯސްއާ ކުރިމަތިލާން ގޮވާލުމުން ފުލުހުންގެ ހިތަށް ފަސޭހަ ނުވާނެ ކަމަށެވެ.
"މިއީ މިއަދު ޔުނިފޯމުގައި ތިބޭ ބަޔަކަށް ފަސޭހައެއް ނުވާނެ. އިއްޔެ އެއީ އަޅުގަނޑުމެންގެ މާސްޓަރުން. މިއަދު މޭޒުގެ އަނެއް ފަޅިއަށް ދާން ޖެހުނީމަ، މިކަހަލަ ޗެލެންޖްތައް ފުލުހުންނަށް އަޑުއިވުނީމަ ފުލުހުންގެ ހިތަކަށް ފަސޭހައެއް ނުވާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ޑިމޮކްރެސީއަކީ އެއްކޮޅަށް ފައްސިޔަ ވެފައި އޮންނަ ނިޒާމެއް ނޫން ކަމަށާއި އަދި ގާނޫނާ ހިލާފަށް އުޅޭ ބަޔަކު ފުލުހުން ނުކުމެ ހަމަަތަ ކުރަން އުޅެން ޖެހުމަކުން އެއަށް ޑިމޮކްރެސީއެކޭ ނުކިޔާނެ ކަމަށެވެ.
ފުލުހުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ފުލުހުންގެ ތެރޭން އަހުލާގީ އުނިސިފަތައް ފެނިގެން ދިޔުމަކީ ހިތާމަކުރަން ޖެހޭ ކަމެއް ކަމަށެވެ.
ތަނަށް އެންމެ ބޮޑު މަސްލަހަތެއް ގެންނަ ބަޔަކީ ފުލުހުން ކަމުގައި ރައްޔިތުން ގަބޫލުކުރާ ކަމަށާއި އެހެންކަމުން ފުލުހުން ޕްރޮފެޝަނަލް ބަޔަކަށް ހެދުމަށ ްހުރިހާ ސަރުކާރަކުންވެސް މަސައްކަތް ކުރާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފުލުހުން އަބަދުވެސް މަސައްކަތް ކުރަންވާނީ ހުވަޔާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ކަމަށެވެ. އަދި ކޮންމެ ފުލުހަކީވެސް މުޖުތަމައުގައި ރޯލް މޮޑެލްއަކަށް ވުމުގެ ހިޔާލު ގެންގުޅޭ މީހަކަށް ވާންވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ފުލުހުންގެ ތެރޭގައި ވެސް އިންސާނީ އުނިކަންތައްތަކާއި އުނި ސިފަތައް އަދި ގާނޫނާ ހިލާފު ކަންކަން ހިނގާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ވިދާޅުވީ ފުލުހުންގެ ތެރޭގައި ހިނގާ މައްސަލަތައް ބެލުމަށް ފުލުހުންގެ ތެރޭގައި ވަކި ޑިޕާޓްމެންޓެއް ހާއްސަ ކުރެވިފައިވަނީ އެކަމައްޓަަކައި ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ފުލުހުންގެ މަސައްކަތާ ނުލާ އެއްވެސް މުޖުުތަމައެއްގެ މަސްލަހަތު ދެމެހެއްޓިގެން ނުދާނެ ކަމަށެވެ. ނަމަވެސް ފުލުހުންގެ މަސައްކަތް ބަލައިގަންނަނީ ކިހާ މިންވަރަކައްތޯ ސުވާލު އުފެދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ފުލުހުންގެ މަސައްކަތަކީ ވަކި ގަޑިއަކަށް އޮފީސް ނިންމާފައި ދާން ޖެހޭ މަސައްކަތެއް ނޫން ކަމަށާއި އެއީ ހުނަރުވެރި މަސައްކަތެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެހެންކަމުން ފުލުހުންގެ އަމަލީ މަސައްކަތުގެ މާހައުލުގައި ކުށްވެރިޔާއަށް ވުރެ ފުލުހުން ރުޅިމަޑުކުރަން ޖެހޭ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވި އެވެ.
"ފުލުހުންނަކީ ގާނޫނުން ފުލުހުންނަށް ލިބޭ ބާރު. ފުލުހުންނަކީ އެ ގާނޫނު ޒިމާދާރު ކުރުވާ ފަރާތްވެސްމެ. ފުލުހަކު ވެއްޓިގެންދާއިރު ލެނގިލަންވެސް އޮންނަ އެއްޗަކީ ގާނޫނު،" ރައީސް ޔާމީން ވިދާޅުވި އެވެ.
ފުލުހުންނަށް ތަމްރީނުތަކެއް ދެވިގެން ފުލުހުންނަކީ މިޒަމާނުގެ ޕޮލިސް ފޯސްއަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.