ބޮލީވުޑްގެ "ޓްރެޑެޖީ ކިންގް"ގެ ގޮތުގައި މަޝްހޫރު ދިލިޕް ކުމާރުގެ ސިއްހީ ހާލަތު ގޯސްވަމުން އަންނަ ކަމަށް ދެކެވޭ ވާހަކަތައް އޭނާގެ އަންހެނުންގެ ސާއިރާ ބާނޫ ދޮގުކޮށްފި އެވެ.

ދިލިޕް ކުމާރުގެ ރަސްމީ ޓުވިޓާ އެކައުންޓު މެދުވެރިކޮށް އޭނާގެ އަންހެނުން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ދިލިޕްގެ ހާލު ރަނގަޅު ކަމަށާއި ވަރަށް އަވަހަށް ޓުވިޓާ އަށް ވެސް އެނބުރި އަންނާނެ ކަމަށެވެ.

"ދިލިޕް ކުމާރުގެ ހާލު ރަނގަޅު. އަދި މިވަގުތު ހުރީ ވެސް ގޭގައި. އާއިލާ އާއި އޭނާ ދެކެ ލޯބިވާ އެކުވެރިންގެ ގާތުގައި ވަގުތު ހޭދަކުރުމަކީ ވެސް ތެރަޕީއެއް ކަމަށް ދިލިޕް ގަބޫލު ކުރޭ. ދިލިޕް ސާހަބް ވަރަށް އަވަހަށް އަލުން ޓުވިޓާ އަށް އަންނާނެ،" ސާއިރާ ބާނޫ ކުރި ޓުވީޓުގައިވެ އެވެ.

އުމުރުން 94 އަހަރުގެ ދިލިޕް ކުމާރުގެ ސިއްހީ ހާޅު ގޯސްވެ، ދޭތެރެއަކުން ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާ ދެ އެވެ. އެގޮތުން އޭނާގެ 94 ވަނަ އުފަންދުވަސް ވެސް ފާހަގަ ކޮށްފައި ވަނީ ހޮސްޕިޓަލުގަ އެވެ.

ދިލިޕް ކުމާރު ފިލްމަކުން އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ 1998 ވަނަ އަހަރު ރިލީޒް ކުރި ފިލްމު 'ގިލާ' އިންނެވެ.

ޕާކިސްތާނުގެ ޕިޝާވަރަށް އުފަން ދިލިޕް ކުމާރުގެ އަސްލު ނަމަކީ ޔޫސުފް ޚާން އެވެ. ފިލްމީ ދާއިރާ އަށް 1944ގައި ތައާރަފް ވުމަށް ފަހު އޭނާ ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި އަންދާޒް، ދޭވްދާސް އަދި ޝަހީދު ހިމެނެ އެވެ.

އަދި 60 އަހަރަށް ދެމިގެން ދިޔަ ފިލްމީ ހަޔާތުގައި ކުމާރު ވަނީ ނުވަ ފިލްމްފެއާ އެވޯޑު ހާސިލްކޮށްފަ އެވެ. އޭނާއަކީ މިހާރު ވެސް ފިލްމްފެއާ ބެސްޓް އެކްޓާ އެވޯޑު އެންމެ ގިނައިން ހާސިލުކޮށްފައިވާ ބޮލީވުޑުގެ ފަންނާނެވެ.