05 Apr 2017, 15:19
ސައުދީ އަރަބިއްޔާގެ މައްކާގައި ބާއްވަން ހަމަޖެހިފައިވާ 39 ވަނަ މަލިކު އަބްދުލްއަޒީޒު އިންޓަނޭޝަނަލް ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ ހަތަކުން އެގާރަ އަށް ބޭއްވުމަށް ހަމަޖެހިފައިވާ އެ މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު ރާއްޖެއަށް ލިބިފައިވާ ކަމަށެވެ.
އެގޮތުން މުބާރާތުގައި ހިމެނޭ ގޮފިތަކުން ދެ ގޮތްޕެއްގައި ރާއްޖެއިން ބައިވެރިވާ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި އެއިން ކޮންމެ ގޮތްޕެއްގައި ވެސް ބައިވެރިވާނީ އެއް ބައިވެރިއަކު ކަމަށް ވެސް އެ މަރުކަޒުގެ އިއުލާނުގައި ބުނެފައިވެއެވެ.
އަދި މުބާރާތުގައި ބައިވެރިވާ ފަރާތް ނޫން، އެ ފަރާތުގެ އެހީތެރިއަކަށް ނުވަތަ ބެލެނިވެރިއަކަށް ހަރަދު ކުރުމަށް ހަމަޖެހިފައިނުވާ ކަމަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނެފައިވެއެވެ.
މުބާރާތުގެ ބައިވެރިވުމުގެ ޝަރުތު
މި މުބާރާތުގައި މީގެ ކުރިން ބައިވެރިވެފައި ނުވުން
- ފިރިހެނަކު ކަމުގައިވުން
- 25 އަހަރު ފުރިފައިނުވުން
މުބާރާތުގައި ބައިވެރިވެވޭނެ ގޮފިތައް
މުޅި ޤުރުއާން ހިތުދަސް ތަޖްވީދު މަގުން ކިޔެވުމުގެ ގޮފި
- ވިދިވިދިގެން (ތަރުތީބުން) 15 ފޮތް ހިތުދަސް ތަޖްވީދު މަގުން ކިޔެވުމުގެ ގޮފި
މައްކާގައި ބާއްވާ އެ މުބާރާތުގައި ރާއްޖެ ތަމްސީލްކުރާނެ ދެ ބައިވަރި ހޮވުމަށް އެކަމަށް ޝަރުތުހަމަވާ ފަރާތްތަކުން މިމަހުގެ 20 ވަނަ ދުވަހުގެ 1:30ގެ ކުރިން ބައިވެރިވުން އެދި އެ މަރުކަޒަށް ހުށަހަޅަންޖެހެއެވެ.