އިނގިރޭސި ޕްރިމިއާ ލީގުގައި ބެލްޖިއަމް ތަރި އެޑެން ހަޒާޑްގެ ދެ ލަނޑުން މެންޗެސްޓާ ސިޓީގެ މައްޗަށް ޗެލްސީ ކުރި ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ސިޓީގެ މައްޗަށް ސިޓީ ކުރި ހޯދާފައި ވަނީ 2-1 ލަނޑުގެ ނަތީޖާއަކުނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޗެލްސީ މޮޅުވީ 2-1 ލަނޑުން --- ފޮޓޯ/ އޭޕީ

ޕްރިމިއާ ލީގު ތާވަލަށް ބަލައިލާއިރު، އަދިވެސް އެއްވަނައިގައި އޮތީ ޗެލްސީއެވެ. ކުޅުނު 30 މެޗުން ލިބުނު 72 ޕޮއިންޓާއެކު ޗެލްސީ އެއް ވަނާގައި އޮތްއިރު، ދެ ވަނާގައި އޮތް ޓޮޓެންހަމް ހޮޓްސްޕާއަށް 30 މެޗުން ލިބިފައި ވަނީ 65 ޕޮއިންޓެވެ. ތިން ވަނާގައި އޮތް ލިވަޕޫލަށް 31 މެޗުން 60 ޕޮއިންޓް ލިބިފައިވާއިރު، މެންޗެސްޓާ ސިޓީއަށް 30 މެޗުން ލިބިފައި ވަނީ 58 ޕޮއިންޓެވެ.

ރޭގެ މެޗުގެ 10 ވަނަ މިނެޓުގައި ޗެލްސީން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ސްޕެއިން ޑިފެންޑަރު ސެސާ އަޒްޕްލިކުއެޓާ ދިން ބޯޅައަކުން ޗެލްސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ހަޒާޑެވެ. އޭނާ ފޮނުވާލި ހަމަލާ، ސިޓީގެ ގޯލުގެ ތެރެއަށް ވަދެފައި ވަނީ ވިންސެންޓް ކޮމްޕަނީގެ ފައިގައި ޖެހިފައެވެ.

މެޗުގެ 26 ވަނަ މިނެޓުގައި ސިޓީން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޗެލްސީގެ ބެލްޖިއަމް ގޯލްކީޕަރު ތިބައުޓް ކޯޓުވާއަށް ހެދުނު ގޯހެއްގެ ފައިދާނަގައި، ސިޓީއަށް ނަތީޖާ ހަމަހަމަކޮށްދިނީ ސާޖިއޯ އަގުއެރޯއެވެ. ކީޕަރު ކޯޓުވާ ދިން ބޯޅަ، ސިޓީގެ ޑޭވިޑް ސިލްވާއަށް ލިބުމާއެކު އުފެއްދި ހަމަލާ، ކޯޓުވާ މަތަކުރި ނަމަވެސް، ރީބައުންސް ބޯޅައިން އަގުއެރޯ ވަނީ ލަނޑު ޖަހައިފައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޗެލްސީ މޮޅުވީ 2-1 ލަނޑުން --- ފޮޓޯ/ އޭޕީ

މެޗުގެ 34 ވަނަ މިނެޓުގައި ސިޓީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޕެޑްރޯ ރޮޑްރިގޭޒްއަށް ފެނާންޑީނިއޯ ފައުލްކުރުމާއެކު ޗެލްސީއަށް ޕެނަލްޓީއެއް ލިބިގެންދިޔައެވެ. ޕެނަލްޓީން ހަޒާޑް ފޮނުވާލި ބޯޅަ، ސިޓީގެ ކީޕަރު ވިލީ ކަބަލެރޯ މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިން ހަޒާޑް ވަނީ އަލުން ޗެލްސީއަށް ލީޑު ހޯދައިދީފައެވެ.

މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. ނަމަވެސް ދެ ޓީމަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ. އެގޮތުން ޗެލްސީގެ ހަޒާޑަށް ހެޓްރިކް ފުރިހަމަކުރުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައިރު، ސިޓީގެ ޖޯން ސްޓޯންސްއަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާއިރު، އާސެނަލް ވަނީ 3-0 ލަނޑުން ވެސްޓް ހާމު ބަލިކޮށްފައެވެ. އެ މެޗުގައި އާސެނަލްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މެސުޓް އޮޒިލް އާއި، ތިއޯ ވަލްކޮޓް އަދި އޮލިވިއާ ޖިރޫއެވެ. ސްވަންސީ އަތުން 3-1 ލަނޑުގެ ނަތީޖާއަކުން ޓޮޓެންހަމް ހޮސްޓްޕާ މޮޅުވިއިރު، އޭއެފްސީ ބޯންމައުތު ވަނީ 2-2 ލަނޑުން ލިވަޕޫލް ހިފަހައްޓައިފައެވެ. ހަލް ސިޓީން 4-2 ލަނޑުން މިޑްލްސްބަރާ ބަލިކުރިއިރު، ސައުތުހެމްޓަން ވަނީ ކްރިސްޓަލް ޕެލަސް އަތުން 3-1 ލަނޑުގެ ނަތީޖާއަކުން މޮޅުވެފައެވެ.