07 Apr 2017, 11:36
ޗެލްސީން ޗެމްޕިއަންސް ލީގު ހޯދަން ބޭނުންވާނަމަ، ބެލްޖިއަމް ތަރި އެޑެން ހަޒާޑް ބަހައްޓަން ޖެހޭ ކަމަށް އެ ކްލަބުގެ ބެލްޖިއަމް ގޯލްކީޕަރު ތިބައުޓް ކޯޓުވާ ބުނެފިއެވެ.
ހަޒާޑް ހޯދުމަށް 100 މިލިއަން ޕައުންޑް ހަރަދު ކުރުމަށް ރެއާލް މެޑްރިޑް ތައްޔާރުވަމުންދާ ކަމަށް ހަބަރުތައް ބުނަމުންދާއިރު، މިސީޒަނުގައި ހަޒާޑް ދަނީ ޗެލްސީގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ބުދަ ދުވަހު މެންޗެސްޓާ ސިޓީ އަތުން 2-1 ލަނޑުގެ ނަތީޖާއަކުން ޗެލްސީ މޮޅުވި މެޗުގައި އެ ޓީމުގެ ދެ ލަނޑު ވެސް ކާމިޔާބުކޮށްދީފައި ވަނީ ހަޒާޑެވެ. ތިން އަހަރުގެ ތެރޭގައި ދެވަނަ ފަހަރަށް ޕްރިމިއާ ލީގުގެ ތަށި ޗެލްސީން ހޯދުމާ ގާތަށް ޖެހިލިއިރު، ހަޒާޑްގެ އެހީތެރިކަން ފާހަގަކޮށްލެވެއެވެ. އޭނާ ވަނީ މިހާތަނަށް ލީގުގައި 13 ލަނޑު ކާމިޔާބުކޮށްފައެވެ.
"ޗެލްސީން އޭނާ ބަހައްޓަން ޖެހޭ. ހަޒާޑަކީ ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއެއް. އަނެއް ކާވެސް ޗެމްޕިއަންސް ލީގުކާމިޔާބުކުރުމަށް ޗެލްސީން ވިސްނާ. އަދި އަބަދުވެސް އެ ތަށި ދިފާއުކުރަން ޗެލްސީން ބޭނުންވޭ. އެކަންތައް ކުރަން ބޭނުންވާނަމަ، ޗެލްސީގެ މުހިންމު ކުޅުންތެރިން ޓީމުގައި ބަހައްޓަން ޖެހޭ. މުހިންމު ކުޅުންތެރިންގެ ތެރޭގައި ހަޒާޑް ފާހަގަކޮށްލެވޭ،" ހަޒާޑްއާ ގުޅޭ ގޮތުން ޗެލްސީގެ ގޯލްކީޕަރު ކޯޓުވާ ބުންޏެވެ.
ކޯޓުވާ ބުނީ، ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ހަޒާޑަކީ މޮޅު ކުޅުންތެރިއެއްކަން އޭނާ ސާބިތުކޮށްދިން ކަމަށާއި ހަޒާޑްގެ ފަރާތުން މެޗުގައި ފެނިގެންދިޔަ ފުރަތަމަ ލަނޑަކީ މޮޅު ލަނޑެއް ކަމަށެވެ. އަދި ޓީމުގެ ފޯވަޑް ލައިންގައި މޮޅު ކުޅުމެއް ދައްކަމުން ހަޒާޑް ޑިފެންސް ކުރުމަށް ވެސް އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ވެސް އޭނާ ބުންޏެވެ.
ޕްރިމިއާ ލީގު ތާވަލުގެ އެއް ވަނާގައި ޗެލްސީ އޮތީ ކުޅުނު 30 މެޗުން ލިބުނު 72 ޕޮއިންޓާއެކުއެވެ. ދެވަނާގައި އޮތް ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅުނު 30 މެޗުން 65 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނާގައި އޮތް ލިވަޕޫލަށް 31 މެޗުން ލިބިފައި ވަނީ 60 ޕޮއިންޓެވެ. ހަތަރު ވަނާގައި އޮތް މެންޗެސްޓާ ސިޓީއަށް 30 މެޗުން ލިބިފައި ވަނީ 58 ޕޮއިންޓެވެ.