ސްޓާ ޕްލަސް އިން ގެނެސްދިން ކާމިޔާބު ސީރީޒް 'ސަޕްނާ ބާބުލް ކާ ބިދާއީ' އިން އާންމުންގެ މަގުބޫލުކަން ހޯދި ބަތަލާ، ސާރާ ޚާން ޕާކިސްތާނު ޖަލެއްގައި ބަންދު ކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.

ވީސާގެ މައްސަލަތަކެއް ދިމާވެ ސާރާ ހައްޔަރުކޮށްފައި ވާކަމަށް ވާހަކަތައް ދެކެވެން ފަށާފައި ވަނީ ޕާކިސްތާނު ޓީވީ ސީރީޒް އެއްގެ މަސައްކަތް ކުރުމަށް ސާރާ ޕާކިސްތާނަށް ގޮސް އުޅެނިކޮށެވެ.

ޚަބަރު ފެތުރިފައިވާ ގޮތުން، ވީސާ ހަމަވުމުގެ ސަބަބުން ސާރާ ވަނީ ހަ ދުވަހުގެ މުއްދަތަކަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދި ޖޫރިމަނާ ވެސް ކޮށްފައިވާ ކަމަށް ރިޕޯޓުތައް ފެންމަތިވި އެވެ.

އެ ވާހަކަތައް ދޮގު ކުރަމުން ސާރާ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ފަތުރަނީ ކާކުކަން އޭނާ އަށް ނޭނގޭ ކަމަށާއި، އެފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށެވެ.

"އަހަރެން ޕާކިސްތާނުގައި ހުރީ ގާނޫނާ ޚިލާފު މަސައްކަތެއް ކުރާކަށް ނޫން. އަހަންނަށް ވީސާ ހަމަވި އިރު އިންޑިއާ އަށް ނާދެވުނީ ފްލައިޓް މައްސަލަތަކެއް ދިމާވެގެން. އިމިގްރޭޝަން އިން އެންގީ ނޭޝަނަލް އޮކިއުޕޭޝަނަލް ކްލެސިފިކޭޝަން ހޯދަން ޖެހޭނެ ކަމަށް. އެހެންވެ އިތުރު ހަފްތާ އަކަށް މަޑުކުރީ. އަހަރެން ހުރީ ޖަލަކު ނޫން. ފަސް ތަރީގެ ހޮޓަލެއްގައި،" ސާރާ ބުނެފައިވެ އެވެ.

ސާރާ ބުނީ މުޅި ދަތުރުގައި ވެސް އޭނާ ގަވައިދުން ސޯޝަލް މީޑިއާ މެދުވެރިކޮށް ފޮޓޯ އާއި މައުލޫމާތު ހިއްސާ ކުރަމުން ދިޔަ ކަމަށެވެ.

އުމުރުން 27 އަހަރުގެ ސާރާ އަކީ ޕާކިސްތާނު ޓީވީ ސީރީޒް އެއްގައި މަސައްކަތް ކުރާ ފުރަތަމަ އިންޑިއާގެ ޓީވީ އެކްޓްރެސް އެވެ. ޕާކިސްތާނު ޓީވީ ސީރީޒް އަކުން ސާރާ އެންމެ ފުރަތަމަ ފެނިގެން ގޮސްފައި ވަނީ 'ބޭ ޚުދީ' އާއެކު އެވެ.

މުސްތަގުބަލުގައި ވެސް ޕާކިސްތާނު ޓީވީ ސީރީޒަ ތަކުގައި މަސައްކަތް ކުރުމަށް ތައްޔާރަށް ހުރި ސާރާ މިހާރު ކުރަމުން އަންނަނީ ސްޓާ ޕްލަސް އިން ދައްކާ 'ޖާނާ ނާ ދިލް ސޭ ދޫރް' ގެ މަސައްކަތެވެ.