އދ. މަޖިލިސް (އެޕްރީލް 8) : ސޫރިޔާގެ ޝުއައިރާތު އަސްކަރީ އެމެރިކާއިން އިއްޔެ ދިން ގަދަފަދަ ޙަމަލާތަކަށް ފަހު އަނެއްކާ ވެސް އިތުރު ޙަމަލާތައް ސޫރިޔާއަށް ދޭންޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާ އިން ދީފި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގައި ހިމެނޭ އެންމެ ހަރުކަށި އެއްމަސްއޫލުވެރިޔާ ކަމަށްވާ އދ.ގައި ހުންނަވާ އެމެރިކާގެ ދާއިމީ މަންދޫބު އިންޑިއާ ދަރިކޮޅުގެ ނިކީ ހެލީ ސޫރިޔާއަށް އިންޒާރު ދެއްވަމުން ވިދާޅުވީ އިއްޔެ ދިންފަދަ އިތުރު ޙަމަލާތައް ސޫރިޔާއަށް ދޭންޖެހިދާނެ ކަމަށާއި ހަމަލާދޭނެ ތަނަކާއި ވަގުތު އަދި ހަމަލާދޭނެ މިންވަރެއް އެނގޭނީ އެމެރިކާއަށް ކަމުގަ އެވެ.

ވައިޓް ހައުސްގެ ތަރްޖަމާން ވިދާޅުވީ ޓްރަމްޕްގެ ސަރުކާރުން ސޫރިޔާއާމެދު ގެންގުޅޭނީ އެމެރިކާގެ ކުރީގެ ސަރުކާރާ ތަފާތު ސިޔާސަތެއްކަމަށާއި އެސިޔާސަތު ހާމަކުރައްވަން ޓްރަމްޕް ބޭނުންނުވާކަމުގަ އެވެ. އެމެރިކާ އިން ސޫރިޔާގެ ޝުއައިރާތު ވައިގެ ބޭހަށް ހަމަލާދިނީ ތޯމަހޮކް މަރުކާގެ ކްރޫޒް މިސައިލުންނެވެ. މެޑިޓަރޭނިޔަން ކަނޑުގައިވާ އެމެރިކާގެ އަސްކަރީ ދެމަނަވަރަކުން ޝުއައިރާތު ވައިގެ ބޭހަށް އަމާޒުކޮށް 59 ތޯމަހޮކް ކުރޫޒް މިސައިލް ފޮނުވާލިއިރު އެބޭހަށް އަރާފައި ވަނީ އޭގެތެރެއިން 23 މިސައިލެވެ. އަނެއްބައި މިސައިލްތައް އަމާޒުން ކައްސާލާފައިވާކަމަށް ސޫރިޔާ އިން ބުނެފައިވެ އެވެ.

ތޯމަހޮކް މަރުކާގެ ކްރޫޒް މިސައިލަކީ އެމެރިކާ އުފައްދާ މިސައިލްތަކުގެ ތެރެއިން އަމާޒަށް ވާސިލްވުމުގެ ގާބިލްކަން އެންމެ ބޮޑު މިސައިލް ކަމަށް އެމެރިކާ ދައުވާކުރެ އެވެ. އެމެރިކާ ހަމަލާތައްދިންތާ އަށް ގަޑީއިރުގެ ތެރޭގައި ސޫރިޔާގެ އަސްކަރީ ފައިޓަޖެޓްތަކުން ވަނީ ޝުއައިރާތު ވައިގެ ބޭހުގެ ރަންވޭން ނައްޓާލައިގެން ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުގެ މަރުކަޒުތަކަށް ވައިގެ ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. މިޖަމާއަތްތަކަކީ އެމެރިކާ އާއި ތުރުކީއާއި ސައޫދީ އާއި ގަތަރުގެ މަދަދުލިބޭ ހަނގުރާމަވެރި ޖަމާއަތްތަކެވެ. އަދި މިއީ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ގަދަބާރުން ވައްޓާލުމަށް ޓަކައި ސޫރިޔާގައި ދާޚިލީ ހަނގުރާމައިގެ ހުޅުގަނޑު ރޯކޮށްލި ޖަމާއަތްތައް ވެސް މެ އެވެ.

އެމެރިކާ އިން ސޫރިޔާއަށް ވައިގެ ޙަމަލާތައްދިނުމުގެ މައިގަނޑު ބޭނުމަކީ އެމެރިކާގެ އެތެރޭގައި ރައީސް ޑޮނަލްޑް ޓްރަމްޕަށް ކުރިމަތިވެފައިވާ އާދަޔާ ޚިލާފު ފިއްތުންތަކުން ސަލާމަތްވުމަށް ޓަކައި އެމެރިކާގެ އާންމުންގެ ސަމާލުކަން އެހެންދިމާއަކަށް އަނބުރާލުމެވެ. ދެވަނަ ބޭނުމަކީ ޓްރަމްޕާއި ރަޝިޔާއާއި ދެމެދުގައިވާ ކަމަށް ތުހުމަތުކުރެވޭ އަޑިނޭންގޭ ގުޅުންތަކުން ސަލާމަތްވާނެ މަގެއް ހޯދުމެވެ.

ސޫރިޔާއަކީ ރަޝިޔާ އަސްކަރީ ގޮތުން ވަދެގެންފައިވާ ގައުމަކަށްވެފައި ބައްޝާރަކީ ރަޝިޔާގެ ހިމާޔަތް ލިބިފައިވާ ބޭފުޅަކަށްވާ އިރު ސޫރިޔާ ސިފައިންނަށް ހަމަލާ ދިނުމަކީ ރަޝިޔާއާ އިދިކޮޅު އަމަލަކަށްވުމުގެ އިތުރުން އެއީ އެމެރިކާ އިން ރަޝިޔާއަށް ގޮންޖެހުމުގެ ގޮތުން ހިންގި އަމަލެއްކަމަށް ދެއްކުމަކީ ޓްރަމްޕްގެ މައްޗަށް ކުރެވޭ މިތުހުމަތު ތަކުން ސަލާމަތްވުމަށް އޮތް މަގެއްކަމަށް ޓްރަޕް ދެކެއެވެ.

ނަމަވެސް ސޫރިޔާއަށް ހަމަލާދިނުމުގެ ކުރިން އެމެރިކާވަނީ އެކަން ރަޝިޔާއަށް އަންގާފައެވެ. އަދި ސޫރިޔާގައިވާ ރަޝިޔާގެ މަސްލަހަތުތަކަށް ގެއްލުންނުވާގޮތަށް ހަމަލާތައް ދިނުމަށް ވެސް ޓްރަމްޕް އަންގަވާފައިވެ އެވެ. ތިންވަނަ ކަމަކީ ބައްޝާރުގެ ވެރިކަން ގަދަބާރުން ވައްޓާލުމަށް ކުރެވޭ ހަނގުރާމައިގެ ފަހަތުގައިވާ ސައޫދީ އަރަބިޔާއާއި ގަތަރުފަދަ ގަލްފުގެ މުއްސަނދި އަރަބި ގައުމުތަކުގެ ރުހުން ހޯދުމެވެ. ގަލްފުގެ ގައުމުތަކަކީ ސަރަހައްދުގައި އެގައުމުތައް ސިޔާސީ ގޮތުން ހާސިލްކުރަން ބޭނުންވާ ހުރިހާކަމެއް ހާސިލް ކުރުމުގައި އެމެރިކާއަށް ބަރޯސާވާ ގައުމުތަކެކެވެ.

އިރާގުގެ ރައީސް ސައްދާމް ހުސައިންގެ ވެރިކަން ވައްޓާލުމަށް ވެސް ގަލްފުގެ ގައުމުތަކުން އެދުނީ އެމެރިކާގެ އެހީތެރިކަމަށެވެ. ނަމަވެސް މިފަދަ ކަންކަމުގެ ހތި ނަތީޖާތަކާ ދުވަސްކޮޅަކުން ގަލްފުގެ ގައުމުތައް ކުރިމަތިލާންޖެހި ސަހަރޯ ހީވާންޖެހިފައިވެ އެވެ. އިރާގުގެ ހާލަތުން ވެސް މިކަން ވަނީ އެނިގެން ގޮސްފަ އެވެ.

ސައޫދީ އާއި ގަތަރުފަދަ ގަލްފުގެ އަރަބި މުއްސަނދި ގައުމުތަކުގެ ރުހުން ހޯދުމުގައި ޓްރަމްޕްގެ ބޭނުމަކީ އެގައުމުތަކުގެ ފައިސާ އެމެރިކާގެ ތަރައްގީގެ މަޝްރޫއުތަކަށާއި ހަތިޔާރުގެ އިންޑަސްޓްރީގެ އިންވެސްޓްމަންޓްތަކަށް ބޭނުންކުރުމުގެ ފުރްސަތު ހޯދުމެވެ. ސޫރިޔާއަށް ފޮނުވާލި ތޯމަހޮކް މިސައިލްތަކުގެ އަގު ވެސް ދައްކާގޮތަށް ހަމަޖެހިފައި ވަނީ ގަލްފުގެ ދެގައުމަކުން ކަމަށް ޚަބަރުތައް ބުނާއިރު މިފަދަ މިސައިލެއްގެ އަގާއި ފޮނުވާލުމުގެ އަގު ދޮޅު މިލިޔަން ޑޮލަރަށް އަރާކަމަށްވެ އެވެ.

އެމެރިކާއިން ސޫރިޔާއަށް އިއްޔެ މިސައިލް ހަމަލާތައް ދިނީ ސޫރިޔާގެ ރަށެއްކަމަށްވާ ޚާން ޝައިޚޫން އަށް މިދިޔަ އަންގާރަދުވަހު ދިން ކެމިކަލް ގޭހުގެ ހަމަލާތަކުގެ ޒިންމާ ސޫރިޔާ ސަރުކާރުގެ ބޮލުގައި އެޅުވުމަށްފަހުގަ އެވެ. އެހަމަލާތަކުގައި 71 މީހުން މަރުވެ އެތަށްބަޔަކު ޒަޚަމްވެފައިވާއިރު އެހަމަލާތައްދިނީ ކޮންފަރާތަކުންކަން އެއްވެސް ތަހްގީގަކުން އަދި ސާފުވެފައެއް ނުވެ އެވެ.

އަނެއްކޮޅުން ޚުދު އެމެރިކާއަކީވެސް ގައުމުތަކާ ދެކޮޅަށް ކެމިކަލް ހަމަލާތަކާއި ޑިޕްލީޓެޑް ޔޫރޭނިޔަމް ގެ ހަމަލާތައް ދެމުން ގެންދާ ގައުމަކަށްވާއިރު އެމެރިކާއިން ސޫރިޔާއަށް ހަމަލާދިނީ ކެމިކަލް ހަމަލާގެ ސަބަބުންކަމަށް ބުނުމަކީ ސިޔާސީ ކަމެކެވެ. އެމެރިކާ ދާދިފަހުންވަނީ ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އިރާގާއި ސޫރިޔާއަށް ދެމުންގެންދާ ވައިގެ ހަމަލާތަކުގައި އެދެގައުމުގެ އެތަށް ސަތޭކަ ބަޔަކު މަރާލެވުނު ކަމަށް ވެސް އެއްބަސްވެފަ އެވެ. އަދި ދާދިފަހުން އެމެރިކާ ޔަމަނަށް ދިން ހަމަލާތަކެއްގައި ވެސް އާންމުންގެ އެތަށް ބަޔަކު މަރާލާފައިވެ އެވެ. އަދި ސައްދާމްގެ ވެރިކަން ވައްޓާލުމަށް އެމެރިކާ ކުރި ހަނގުރާމައިގާ އިރާގުގެ ފަސްލައްކައެއްހާ މީހުން މަރާލާފައިވާ އިރު މީގެތެރޭގައި ގިނައީ އާންމުންނެވެ. އަދި އަފްޣާނިސްތާނަށާއި ޕާކިސްތާނަށް އެމެރިކާ ދޭ ޑްރޯން ހަމަލާތަކުގައި ވެސް ގިނައިން މަރުވަނީ އެދެގައުމުގެ އާންމުންނެވެ. މީގެއިތުރުން އިސްރާއީލުން ފަލަސްތީނަށް ދޭ ހަމަލާތަކުގެ ފަހަތުގައިވަނީ ވެސް އެމެރިކާއެވެ.

އެމެރިކާ ސޫރިޔާއަށް ދިން ވައިގެ ހަމަލާތައް އީރާނާއި ރަޝިޔާއާއި ލެޓިން އެމެރިކާގެ ބައެއް ގައުމުތަކާއި ޗައިނާއިން ކުށްވެރިކޮށްފައިވާއިރު އިސްރާއީލާއި ސައޫދީ އަރަބިޔާއާއި ގަތަރާއި ތުރުކީއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުންވަނީ އެމެރިކާގެ ހަމަލާތަކަށް ތާއީދުކޮށް އެޙަމަލާތަކަށް މަރުހަބާ ކިޔާފައެވެ. ސައޫދީ ސަރުކާރު ނެރުނު ބަޔާނެއްގައި މިއީ ހިއްވަރުގަދަ ހަމަލާތަކެއް ކަމަށް ސިފަކޮށްފައިވެ އެވެ.

ގަތަރު ސަރުކާރުން ނެރުނު ރަސްމީ ބަޔާނުގައި އެމެރިކާގެ ހަމަލާތަކަށް މަރްހަބާ ކިޔައި އެހަމަލާތަކަށް ވަރަށް ބޮޑަށް ތާއީދު ކޮށްފައިވެ އެވެ. އެމެރިކާގެ ހަމަލާތަކަށް ދެން ތާއީދުކޮށްފައި ވަނީ އިސްލާމީ ގައުމުތަކަށް އަބަދު ވެސް ހަމަލާތައް ދެމުންގެންދާ އިނގިރޭސިވިލާތްފަދަ ޔޫރަޕްގެ ގައުމުތަކުންނެވެ. (ނޫސްއެޖެންސީތައް)