09 Apr 2017, 22:30
ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ޕީޕީއެމުން ވަކިކުރީ ސައްހަ ކޮމިޓީއަކުން ކަމަށް ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަންގެ ސެކަރެޓަރީ ޖެނަރަލް އަބްދުލް އަލީމްގެ ފަރާތުން ބުނެފި އެވެ.
ސިވިލް ކޯޓުން އިސްނަގައިގެން އެ ކޯޓުން ބަލާ ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލައަށް ޖަވާބުދާރީވާން ދިން ފުރުސަތުގައި، އަލީމްގެ ވަކީލް ހުސްނުއްސުއޫދު ވިދާޅުވީ، ޕާޓީގެ ސުލޫކީ ކޮމިޓީން ކަމަށެވެ. އަދި އެ ކޮމިޓީއަކީ، ސިވިލް ކޯޓުން ޕާޓީގެ ހިންގުން ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ހަވާލު ކުރުމަށް ކުރި ހުކުމުގެ ކުރިން ޕާޓީގެ ކައުންސިލުން އައްޔަންކޮށްފައިވާ ކޮމިޓީއެއް ކަމަށެވެ.
ސުއޫދު ވިދާޅުވީ، އެ ސުލޫކީ ކޮމިޓީއަކީ، ޕާޓީގެ ކައުންސިލުގެ ސައްހަ ޖަލްސާއެއްގައި ސައްހަ މަގުން އައްޔަށް ކޮށްފައިވާ ކޮމިޓީއެއް ކަމަށެވެ. އަދި އެ ކޮމިޓީ އުވިފައިވާކަން އެނގިފައި ނުވާ ކަމަށްވެސް އަލީމްގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ސުއޫދު ވިދާޅުވި އެވެ.
އަލީމްގެ ފަރާތުން އޭނާ ވިދާޅުވީ، ސުލޫކީ ކޮމިޓީން ނިންމި ނިންމުން މީޑިއާތައް ހިމެނޭ ވައިބާ ގްރޫޕަކަށް ހިއްސާކޮށްފައިވާނެ ކަމަށާއި، އެކަމާ ގުޅިގެން ބައެއް ނޫސްތަކުން ގުޅި ކަމަށެވެ. ނަމަވެސް ގުޅީ ކޮން ނޫސްތަކަކުން ކަމެއް ހަނދާން ނެތް ކަމަށް ވިދާޅުވި އެވެ.
އަލީމުގެ މައްޗަށް ތުހުމަތު ކުރަނީ ޕީޕީއެމާ ގުޅޭގޮތުން ސިވިލް ކޯޓުންކޮށްފައިވާ ހުކުމަށް ތަބާވުމެއް ނެތި ޕީޕީއެމްގެ ނަމުގައި ވަކި ކައުންސިލަކާއި ސުލޫކީ ކޮމެޓީއެއް ހިންގައި އެ ޕާޓީގެ މެމްބަރުން ވަކިކޮށް ހަދާފައިވާ ކަމަށާއި އަލީމުގެ އެ އަމަލުގެ ސަބަބުން ކޯޓުގެ ހުކުމަކީ އެއަށް މީސްތަކުން ތަބާވާން ނުޖެހޭ އެއްޗެއް ނޫން ކަމަށް ބެލެވޭ ކަމަށެވެ.
ސުއޫދު ވިދާޅުވީ، ސިވިލް ކޯޓުންކޮށްފައިވާ ހުކުމަކަށް އަލީމް ހިލާފުވެފައި ނުވާ ކަމަށެވެ. އަދި ސިވިލް ކޯޓުގެ ހުކުމަށް ކިޔަމަންވާން ނުޖެހޭނެކަން ދެއްކުމުގެ ގޮތުން އަލީމް އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށެވެ.
ސުއޫދު މިއަދު ވިދާޅުވީ، ކޯޓުން ކޮށްފައިވާ ހުކުމުގައި ޕީޕީއެމްގެ މުސްތަޝާރުގެ ބެލުމުގެ ދަށުން 24 ގަޑިއިރު ތެރޭގައި ކައުންސިލް ބައްދަލުވުމެއް ބާއްވަން ޖެހޭނެ ކަމަށް ބުނެފައިވާ ކަމަށާއި، އެ އަމުރާއެކު 24 ގަޑިއިރު ތެރޭގައި ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އެހެން ކަމުން ސިވިލް ކޯޓުގެ އެ ހުކުމް ތަންފީޒުވެފައިވާ ކަމަށް ސުއޫދު ފާހަގަ ކުރެއްވި އެވެ.
ސުއޫދު ވިދާޅުވީ، ޕީޕީއެމްގެ އަސާސީ ގަވާއިދު ބާތިލު ނުވަތަ ސަސްޕެންޑް ވެފައިވާ ކަމަށް އެއްވެސް ކޯޓަކުން ހުކުމް ކޮށްފައި ނެތް ކަމަށާއި، އެހެން ކަމުން ހުރިހާ ގުނަވަންތަކުން އަމަލުކުރަން ޖެހޭނީ ޕާޓީގެ އަސާސީ ގަވާއިދަށް ކަމަށެވެ.
އަލީމްގެ ވަކީލު ވިދާޅުވީ، ސެކްރެޓަރީ ޖެނެރަލް ކަމަށް އަލީމް ހަމަޖެއްސީ ޕާޓީގެ ކައުންސިލުން ކަމަށާއި، އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމުން ވަކިކުރިކަން އަލީމަށް އަންގާފައި ނުވާ ކަމަށެވެ.
ފަސް ފަނޑިޔާރުންގެ ބެންޗަކުން ބަލާ އެ މައްސަލައިގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އިސްގާޒީ އަބްދުﷲ އަލީ އާއި ދެން ގާޒީ މުހައްމަދު ހަލީމާއި ގާޒީ ހަސަން ފަހީމް އިބްރާހީމާއި ގާޒީ އަލީ ނަސީރުގެ އިތުރުން ގާޒީ އަލީ އަބްދުﷲ އެވެ.