މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް މަގާމުން ދުރުކުރުމަށް ހުށަހަޅާ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅޭނީ 42 މެމެބަރުންގެ ސޮއިޔާ އެކު ކަމަށް ފާސްކޮށްފި އެވެ. އެ އިސްލާހު ފާސްވުމާ އެކު އިދިކޮޅު ފަރާތްތަކުން މިހާރު ހުށަހަޅާފައިވާ މަޖިލިސް ރައީސް އާއި ނައިބް ރައީސް އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިސް އިން ބޭރުވާނެ އެވެ.

ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ހުށަހެޅުއްވި އެ އިސްލާހު ފާސްވީ 46 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ވޯޓުގައި އިދިކޮޅު އެއްވެސް މެންބަރަކު ބައިވެރިވެފައެއް ނުވެ އެވެ.

އާންމު ކޮމެޓީން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ފާސްކޮށްފައި ވަނީ މަޖިލީހުގެ ގަވާއިދުގެ 175 ވަނަ މާއްދާ އިސްލާހު ކުރުމަށެވެ. އެ މާއްދާގައި ކުރިން ބުނެފައި ވަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހެޅޭނީ މަދުވެގެން 15 މެމްބަރުންގެ ސޮއާއެކުގައި ކަމަށެވެ. ނަމަވެސް އާންމު ކޮމެޓީން އިއްޔެ ފާސްކުރި އިސްލާހުގައި ބުނެފައި ވަނީ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅޭނީ 42 މެމްބަރުންގެ ސޮއާއެކުގައި ކަމަށެވެ.

މިއަދު ވޯޓަށް އަހާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ 175 ވަަނަ މާއްދާގެ ހ. އަދި ށ. އިސްލާހުކޮށް އެ މައްސަލައިގެ އ.ގެ ގޮތުގައި އަކުރެއް އިތުރުކުރުކޮށް އާންމު ކޮމެޓީން ދިރާސާކޮށް ނިންމި ގޮތަށް ފާސްކުރުމަށެވެ.

އެ އިސްލާހު ފާސްވުމާ އެކު ރިޔާސަތުން ވަނީ އެ ގަވާއިދަށް އަމުލުކުރަން ފަށާފައިވާ ކަން އިއުލާންކޮށްފަ އެވެ. އަދި މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރުގެ މައްސަލަ މަޖިލީހން ބޭރުވެފައިވާ ކަމަށް ވެސް ވަނީ އިއުލާން ކޮށްފަ އެވެ.

ސަރުކާރަށް ތާއިދުކުރައްވާ މެމްބަރުން ވިދާޅުވަނީ އެ އިސްލާހު ގެންނަން ޖެހުނީ ސަރުކާރަށް ޖެއްސުން ކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތް ހުއްޓުވުމަށް ކަމަށެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ މިއަދު މަޖިލީހަށް ހުށަހަޅާފައި ވަނީ ގާނުނު އަސާސީއާ ހިލާފް އިސްލާހެއް ކަމަށެވެ.