11 Apr 2017, 08:41
ވެޓެރަން އެކްޓަރު، އަދި ޕޮލިޓީޝަން ވިނޯދު ކަންނާގެ ސިއްހީ ހާލަތު ދަށަށް ދިއުމުގެ ސަބަބުން އޭނާ ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ހަަސްފަތާލުގައި އެނދުމަތިކޮށްފައެވެ.
ވިނޯދް ކަންނާ ކުއްލި ގޮތަކަށް ހަސްފަތާލުގައި އެނދުމަތިކުރުމުގެ ސަބަބުން ގިނަ ބަޔަކަށް ވަނީ ބޮޑު ހައިރާންކަމެއް ލިބިފައެވެ. ވިނޯދް ހަސްފަތާލަށް ގެންދިޔައީ ހަށިގަނޑުން މާބޮޑަށް ފެންމަދުވެގެންނެވެ. ފަރުވާއަށް ފަހު ހާލު ރަނގަޅު ވަމުން އަންނާތީ ވިނޯދު ވަނީ މިހާރު ހަސްފަތާލުން ދޫކޮށްލައިފައެވެ.
ނަމަވެސް، ވިނޯދު ހަސްފަތާލުގައި ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާއަށް ލީކުވި ހިސާބުން، ދެން ލިބިގެން ދިޔައީ މާބޮޑު ހައިރާންކަމެކެވެ. އަހަރެއްހާ ދުވަހު ކެމެރާއާ ދުރުގައި ހުރި ވިނޯދު ކަންނާ ފެނުނު އިރު، ވަނީ މުޅިން ބަދަލުވެފައެވެ.
ވަރުގަދަކޮށް ހުރި ހަށިގަނޑު ވަނީ އެކީ އަނަރޫފަވެފައެވެ. އަދި މީހާ ފެންނަނީ ވެސް ވަރަށް ބަލިކޮށެވެ. އެއާއެކު ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ފޮޓޯ ޝެއާ ކޮށް، ވިނޯދަށް ހަމްދަރުދީގެ މެސެޖުތައް ފޮނުވަމުންނެވެ.
އެ ފޮޓޯ ދައުރުވަމުން އަންނަތާ މިހާރު ދެތިން ދުވަސް ވެފައި ވާއިރު، ވިނޯދުގެ އަންހެނުން ކަވީތާ ކަންނާ މިވަނީ ފޮޓޯ އިންޓަނެޓުގައި ދައުރު ނުކުރުމަށް އެދިފައެވެ.
ކަވީތާ ވަނީ އެ ފޮޓޯ ސޯޝަލް މީޑިއާގައި ޝެއާ ކުރަމުން އަންނާތީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން އެއީ އާއިލާގެ ހީރޯ ކަމަށާއި، ފޮޓޯ ޝެއާ ކޮށްގެން ވިނޯދަށް އިތުރު އުނދަގޫ ތަކެއް ކުރިމަތި ނުކުރުމަށް ކަވީތާ ވަނީ އެދިފައެވެ.
ވިނޯދު އަކީ ވަރަށް އެކްޓިވްކޮށް ހަރަކާތްތެރިވާ ޕޮލިޓީޝަނެކެވެ. ގުރްދާސްޕޫރުގެ މަޖިލިސް މެމްބަރު ކަމުގައި ހުރި ވިނޯދް އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ 2015 ވަނަ އަހަރު ރިލީޒް ކުރި ރޯހިތު ޝެޓީގެ ފިލްމު 'ދިލްވާލޭ' އިންނެވެ.
ވިނޯދު ދެން އެންމެ އަވަހަށް ފެނިގެން ދާނީ 'އެކް ތީ ރާނީ އެއިސީ ބީ' އިން ހެމާ މާލިނީ އާއެކު އެވެ.
އުމުރުން 70 އަހަރުގެ ވިނޯދު ވަނީ މިހާތަނަށް 140 އަށް ވުރެ ގިނަ ފިލްމުތަކުގައި މަސައްކަތް ކޮށްފައެވެ.