ޕެނަލްޓީ ޝޫޓްއައުޓްގައި ނިލަންދޫ ބަލިކޮށް، މިނިވަން ޗެމްޕިއަންޝިޕް ފ. އަތޮޅުގެ ޗެމްޕިއަންކަން ބިލެއްދޫ ހޯދައިފި އެވެ.

މިއަދު ހަވީރު ކުޅުނު ފ. އަތޮޅުގެ ފައިނަލުގައި ނިލަންދު އާއި ބިލެއްދޫ ބައްދަލުކުރި މެޗު 1-1 ލަނޑުން އެއްވަރުވުމުން ޕެނަލްޓީގައި ބިލެއްދޫ ކުރި ހޯދީ 2-1 ލަނޑުގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރިހަމަ ވަގުތުގައި ދެ ޓީމުން ވެސް ޖެހި ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފުގެ ތެރޭގައެވެ. މެޗުގެ 14 ވަނަ މިނެޓުގައި ބިލެއްދުއަށް ސާމިދު އަހުމަދު ލީޑު ހޯދައިދިންއިރު، އޭގެ ހަތަރު މިނެޓްފަހުން ނިލަންދުއަށް ނަތީޖާ ހަމަހަމަކޮށްދިނީ އަމްޖަދު އަލީއެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ބިލެއްދޫން ކާމިޔާބުކުރި ދެ ޕެނަލްޓީ ޖަހައިދިނީ ޝިޔާޒް އިބްރާހިމާއި އިބްރާހިމް ސައުގަތެވެ. އަދި ނިލަންދޫގެ ހަމައެކަނި ޕެނަލްޓީ އެ ޓީމަށް ކާމިޔާބުކޮށްދިނީ އުބައިދު އިސްމާއީލެވެ.

ފ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި ބިލެއްދޫ ދެން ވާދަކުރަން ޖެހޭނީ ޒޯން ބުރުގައެވެ. އެ ބުރުގައި ބިލެއްދޫގެ އިތުރުން ދެން ވާދަކުރާނީ ވ. އަތޮޅުގެ ޗެމްޕިއަނުންނާއި، ދ. އަތޮޅުގެ ޗެމްޕިއަން އަދި ދ. އަތޮޅުގެ ޗެމްޕިއަނުންނެވެ.