13 Apr 2017, 09:57
ދިއްލީ (އޭޕްރިލް 13): އިންޑިއާގެ ވެސްޓް ބެންގާލްގެ ޗީފް މިނިސްޓަރު މަމަތާ ބަނެރުޖީ މަރާލި މީހަކަށް 1.1 މިލިއަން ރުޕީސް (17،018 ޑޮލަރު) ދޭނެ ކަމަށް އެގައުމުގެ ވެރިކަން ކުރާ ޕާޓީގެ މެމްބަރަކު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ ޔޫތު ވިންގްގެ ލީޑަރެއް ކަމަށްވާ ޔޯގޭޝް ވާޝްނޭ އެފަދައިން ވިދާޅުވެފައި ވަނީ ހިންދޫ ދީނުގެ ކަލާނގެ އެއްގެ އުފަން ދުވަސް ފާހަގަ ކުރުމަށް ބޭއްވި އެއްވުމެއް ފުލުހުން ރޫޅާލުމާ ގުޅިގެންނެވެ.
ވާޝްނޭ ވިދާޅުވި ގޮތުގައި ޗީފް މިނިސްޓަރު ބަނެރުޖީގެ އަމުރަށް ފުލުހުން އެ އެއްވުން ރޫޅާލި އިރު އެތަނަށް އެއްވެފައި ތިބި ގިނަ ބަޔަކަށް އަނިޔާކޮށްފައިވެ އެވެ. އަދި އޭނާ ވަނީ ބަނެރުޖީ އަކީ 'ފުރޭތަ'އެއްގެ ގޮތުގައި ސިފަ ކުރައްވާ، މިނިސްޓަރުގެ 'ބޯ ކަނޑައިގެން ގެންދިޔަ މީހަކަށް 1.1 މިލިއަން ރުޕީސް ދޭނެ' ކަމަށް ވިދާޅުވެފަ އެވެ.
ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ވެސްޓް ބެންގާލްގެ ބިރުބަމް އަވަށުގައި ފުލުހުންގެ ހުއްދައަކާ ނުލައި ބޭއްވި އެ އެއްވުން ރޫޅާލަން ޖެހުނީ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ސަރަހައްދަކަށް އެމީހުން ވަދެގަންނަން މަސައްކަތް ކުރުމުންނެވެ.
ވިޝްނޭ އެފަދައިން ވިދާޅުވުމާ ގުޅިގެން ބީޖޭޕީއަށް ގިނަ ބަޔެއްގެ ފާޑު އަމާޒުވުމުން، އެޕާޓީން ވަނީ ވާޝްނޭ އެފަދައިން ވިދާޅުވީ ޕާޓީގެ ފަރާތުން ނޫން ކަމަށާއި ވެސްޓް ބެންގާލްގެ ސަރުކާރުން އޭނާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލާފަ އެވެ.
އަދި ޗީފް މިނިސްޓަރު ބަނެރުޖީ ނިސްބަތްވާ އޯލް އިންޑިއާ ޓްރިނަމޫލް ކޮންގްރެސް ޕާޓީން ވަނީ ވާޝްނޭގެ ބަސް ކުށްވެރިކޮށް، އޭނާ ހައްޔަރު ކުރުމަށް ގޮވާލާފަ އެވެ.
ބަނެރުޖީ އަކީ 2012 ވަނަ އަހަރު ޓައިމްސް މެގަޒިންގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ތެރޭގައި ހިމެނުނު މީހެކެވެ. (ބީބީސީ)