13 Apr 2017, 11:02
ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައި ހަދާފައިވާ، ސެންޓްރޯ މިނީ މޯލްގައި ދަތުގެ ފަރުވާއަށް ޚާއްސަ ކްލިނިކެއް ހުޅުވައިފިއެވެ.
ބުދަ ދުވަހު ރަސްމީކޮށް ޚިދުމަތް ދޭންފަށާފައި ވާ މި ކްލިނިކަަށް ކިޔަނީމާސްޓަރ ޑެންޓަލް ކެއާ ސެންޓްރޯއެވެ. މިއީ އޭޑީކޭގައި ކުރިން މަސައްކަތްކުރެއްވި މަޝްހޫރު ދިވެހި ޑެންޓިސްޓް އަހްމަދު ސަލީމު ހިންގަވާ ކްލިނިކެކެވެ.
މާސްޓަރ ޑެންޓަލް ކެއާގެ ޖެނެރަލް މެނޭޖަރު އަބްﷲ ސަލީމް ސަންއަށް ވިދާޅުވީ، ސެންޓްރޯ މިނި މޯލްގައި ހުޅުވި އެ ކްލިނިކުން، މާލޭގައި މިހާރު ޚިދުމަތް ދެމުން އަންނަ މާސްޓަރ ޑެންޓަލް ކެއާގެ މައި ކްލިނިކުން ލިބޭ ހުރިހާ ޚިދުމަތެއް ލިބޭނޭ ކަމަށެވެ.
"ސްކޭލިން، ޑެންޓަލް ސާރޖަރީ، ޑެންޓަލް އިމްޕްލާންޓް، ހިރުގަނޑުގެ ސާރޖަރީ، ދަތްޕިލާ ހެއްދުން ފަދަ ބޮޑެތި ޚިދުމަތްތައް މިހާރުވެސް ލިބޭނެ،" ސަލީމް ވިދާޅުވިއެވެ.

ދަތުގެ ފަރުވާއަށް ޚާއްސަ ކްލިނިކް، މާސްޓަރ ޑެންޓަލް ކެއާ ސެންޓްރޯގެ ބައެއް ޑެންޓަލް ސްޕެޝަލިސްޓުންނާއި އެތަނުގެ ބައެއް ސްޓާފުން --
އޭނާ ވިދާޅުވީ، މާސްޓަރ ޑެންޓަލް ކެއަރ ސެންޓްރޯގައި، މިހާރުވެސް ފުލްޓައިމް ހަތަރު ޑެންޓަލް ސްޕެޝަލިސްޓުން މަސައްކަތްކުރައްވާނޭ ކަމަށެވެ.
މާސްޓަރ ޑެންޓަލް ކެއާ ސެންޓްރޯ އަކީ، ހުޅުމާލެ ސިޓީގައި ދަތުގެ ފަރުވާއަށް ޚާސްކޮށްގެން މިހާރު ޚިދުމަތްދޭ ދޭ ދެވަނަ ކްލިިނިކެވެ.
މިހާރުވެސް ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ، އަދި ކުރިއަށް އޮތްތާނގައި ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭނޭ ކަމަށް ބެލެވޭ، ހުޅުމާލެ ސިޓީ ތަރައްގީކޮށް، އެ ސިޓީގައި ސިއްހީ ކަންކަން ހަރުދަނާކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން މިހާރުވެސް ބިޔަ މަޝްރޫއުތަކެއް ކުރިއަށް ގެންދާކަން ފާހަގަކޮށްލަން ޖެހެއެވެ.