14 Apr 2017, 10:55
ފިލްމު 'ރުސްތަމް' އިން ބޮލީވުޑުގެ ހުނަރުވެރި އެކްޓަރު އަކްޝޭ ކުމާރަށް މި އަހަރު އެންމެ މޮޅު އެކްޓަރުގެ ގައުމީ އެވޯޑު ލިބިފައި ވާއިރު، އެއީ އޭނާއަށް ހައްގު އެވޯޑެއް ނޫން ކަމަށް ބުނެ ވާހަކަ ދައްކަމުން އަންނަ ފަރާތްތަކަށް އޭނާ ރައްދު ދީފި އެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ގައުމީ އެވޯޑު ލިބޭ ފަރާތްތައް ހާމަކޮށްފައި ވާއިރު، އެންމެ މޮޅު އެކްޓަރަކަށް އަކްޝޭ ހޮވުމާ ގުޅިގެން ގިނަ ބަޔަކު އޭނާއަށް މަރުހަބާ ކީ ނަމަވެސް، ބައެއް ފަރާތްތަކުން ވަނީ އެއީ އޭނާއަށް ހައްގު އެވޯޑެއް ނޫން ކަމަށް ބުނެފައެވެ.
އަދި އަކްޝޭއަށް އެވޯޑު ލިބިފައި ވަނީ، ގައުމީ އެވޯޑުގެ ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ، ޑައިރެކްޓަރު ޕްރިޔާދަރްޝަން އާ ދެމެދު އޮންނަ ގާތް އެކުވެރިކަމުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
ނަމަވެސް އަކްޝޭ މިވަނީ އެއީ އެއްވެސް ބުރަދަނެއް ހުރި ވާހަކަތަކެއް ނޫން ކަމަށް ބުނެފައެވެ. މުމްބާއި މިރަރއަށް ވަރަށް ފަހުން އަކްޝޭ ދިން އިންޓަވިއު އެއްގައި ބުނެފައި ވަނީ ނުފޫޒު ބޭނުންކޮށްގެން މިހާތަނަށް އެއްވެސް ކާމިޔާބެއް ހޯދާފައި ނުވާނެ ކަމަށެވެ.
"ފިލްމީ ދާއިރާގައި މި ހޭދަކުރި 25 އަހަރު ދުވަހުގެ ތެރޭގައި އެއްވެސް މީހެއް ގާތު ބުނެގެން އެވޯޑެއް ވެސް އަދި ފިލްމަކުން ރޯލެއް ވެސް ހޯދާފަ އެއް ނުވާނެ،" އަކްޝޭ ބުންޏެވެ.
އަކްޝޭ ބުނީ އެވޯޑު ލިބުމުން ވަރަށް އުފަލުން ހުރި ކަމަށާއި، އެއީ އޭނާގެ އާއިލާ އާއި ސަޕޯޓަރުންގެ ހެޔޮ ދުއާ ކަމުގައި ބުނެފައެވެ.
މިއީ އަކްޝޭއަށް ގައުމީ އެވޯޑު ލިބުނު ފުރަތަމަ ފަހަރެވެ. އަކްޝޭއަށް އެވޯޑު ލިބުނު ފިލްމު، 'ރުސްތަމް' އަކީ މަޝްހޫރު ނާނާވަތީ ކޭސްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.
އަކްޝޭ މިހާރު ކުރަމުން އަންނަނީ ކުރިއަށް އޮތް ފިލްމު 'ޕެޑްމޭން' ގެ މަސައްކަތެވެ. އެ ފިލްމުގައި އަކްޝޭ އާއެކު ފެނިގެން ދާނީ ސޯނަމް ކަޕޫރު އަދި ރާދިކާ އަޕްޓޭ އެވެ.