އަންކަރާ (އެޕްރީލް 15) : ތުރުކީގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކަށް ބަދަލުކުރުމާ ބެހޭ ގޮތުން މާދަމާ ނެގުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓަށް ފަހު ތުރުކީއާއި ޔޫރަޕްގެ ގުޅުތައް އަލުން މުރާޖައާ ކުރާނެކަން އެގައުމުން ހާމަކޮށްފި އެވެ.

ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވީ ރިޔާސީ ނިޒާމަކަށް ބަދަލުކުރުމަށް ތުރުކީގެ ރައްޔިތުން ވޯޓުދޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށާ ވޯޓު ކާމިޔާބު ކުރެވޭނެ ކަމުގަ އެވެ. ރިޔާސީ ނިޒާމަކަށް ތުރުކީ ބަދަލުކުރަނީ އެގައުމުގެ ރައީސަށް ގާނޫނީ ބޮޑެތި ބާރުތަކެއް ލިބިދޭގޮތަށެވެ. ފެންނަ ނުފެންނަ ވޯޓަށް ރައްޔިތުން އާނބަސް ނުބެފި ނަމަ ރިޔާސީ އިތުރު ދެދައުރަށް ކުރިމަތިލެއްވުމުގެ ފުރްސަތު އުރުދުޣާންއަށް ލިބިވަޑައިގަންނަވާނެ އެވެ. އުރުދުޣާންއާ އިދިކޮޅު ފަރާތްތަކުން ބުނަނީ ރިޔާސީ ނިޒާމަކަށް ތުރުކީ ބަދަލުކޮށްފިނަމަ އޭނާ ހަރުކަށި ޑިކްޓޭޓަރަކަށް ވެގެންދާނެ ކަމެއްކަމުގަ އެވެ.

ތުރުކީގެ ޓީއާރުޓީ ޓީވީ ނެޓްވޯކަށް ދެއްވި ބަޔާނެއްގައި އުރުދުޣާން ވިދާޅުވީ ފެންނަ ނުފެންނަ ވޯޓަށް ފަހު ތުރުކީއާއި ޔޫރަޕްގެ ގުޅުތައް އަލުން މުރާޖައާކުރުމަށްޓަކައި ސަރުކާރުގެ އިސް މަސްއޫލުވެރިންގެ ޚާއްސަ ބައްދަލުވުމެއް ބާއްވައި ސްޓްރެޓީޖިކް ނިންމުންތަކެއް ނިންމާނެ ކަމުގައެވެ. ނަމަވެސް އިތުރު ތަފްސީލެއް އުރުދުޣާން ނުދެއްވައެވެ.

މިހާރު ތުރުކީއާއި ޔޫރަޕްގެ ގިނަ ގައުމުތަކުގެ ގުޅުންތައްވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. މިގުޅުންތައް ގޯސްވީ ތުރުކީގެ ކަނޑާއި ބިން ބޭނުންކޮށްގެން ރެފިއުޖީންގެ އެތަށް ލައްކަ ބަޔަކު ޔޫރަޕަށް ހިޖްރަކުރާ މައްސަލަ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްގެން ތުރުކީބޭނުން ކުރަން ފެށުމުންނެވެ. ތުރުކީ، މިމައްސަލަ ބޭނުންކުރީ ޔޫރަޕުން އެގައުމު ހާސިލްކުރަންބޭނުންވާ ބައެއް ލަނޑުދަނޑިތަކާއި ބައެއް މަންފާތައް ހޯދުމަށެވެ. މީގެތެރޭގައި ޔޫރަޕްގެ އިއްތިޙާދުގެ ގައުމުތަކަށް ވިސާއަކާނުލައި ވަދެ ތިންމަސްވަންދެން އުޅުމުގެ ފުރްސަތު ތުރުކީގެ ރައްޔިތުންނަށް ހޯދައިދިނުމާއި ރެފިއުޖީން ކޮންޓްރޯލްކޮށްގެން ޔޫރަޕުން އެތައް ބިލިޔަން ޑޮލަރެއް ހޯދުމަށް ޓަކައި ޔޫރަޕަށް ބިރުދައްކައިގެން އުރުދުޣާން ކުރެއްވި މަސައްކަތްތައް ހިމެނެ އެވެ. މީގެއިތުރުން އުރުދުޣާންގެ ވެރިކަމުގައި ޔޫރަޕް ބުނާހާގޮތެއް ތުރުކީ ނުހެދުމަކީ ވެސް ޔޫރަޕްގެ ގައުމުތައް ތުރުކީދެކެ ރުޅިއައި މައިގަނޑު ސަބަބެކެވެ.

ތުރުކީއާއި ޔޫރަޕްގެ ގުޅުންތައް ގޯސްވުމުގައި ތުރުކީގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކުން ރިޔާސީ ނިޒާމަކަށް ބަދަލުކުރުމަށް އުރުދުޣާން ނިންމެވުން ވެސް ހިމެނެ އެވެ. ތުރުކީގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކަށް ބަދަލުކޮށްފިނަމަ އުރުދުޣާން ވަރަށް ހަރުކަށި ވެރިއަކަށްވެގެންދާނެ ކަމަށް ޔޫރަޕްގެ ލީޑަރުން ދެކެވަޑައިގަންނަވަ އެވެ.

ތުރުކީއަކީ އިގްތިސާދާއި ސިނާއަތާއި އިންފްރާސްޓްރަކްޗަރާއި އިޖްތިމާއީ ނިޒާމު ޔޫރަޕްގެ ފެންވަރަށް ތަރައްގީކޮށްފައިވާ ގައުމެއްނަމަވެސް ގަވަނެންސް ދާއިރާއާއި އިދާރީ ނިޒާމާއި ޑިމޮކްރެޓިކް ނިޒާމު ޔޫރަޕްގެ ފެންވަރަށް އަދި ތަރައްގީ ކުރެވިފައެއްނުވެއެވެ.

ތުރުކީއާއި ޔޫރަޕްގެ ގުޅުންތައް ގޯސްވުމުގެ ނަތީޖާއެއްގެ ގޮތުން ޔޫރަޕްގެ ބައެއް ގައުމުތަކުންވަނީ ތުރުކީގެ މަސްއޫލުވެރިން އެގައުމުތަކުން ބޭރުކޮށްލާފައެވެ. އަދި ތުރުކީންވަނީ ޔޫރަޕްގެ ބައެއްގައުމުތަކުގެ ވެރިކަމުގެ ނިޒާމުތަކާއި ކުރީގެ ނާޒީ ޖަރުމަނުގެ ވެރިޔާ އެޑޮލްފް ހިޓްލަރުގެ ނިޒާމާ އެއްވަރު ކުރައްވައި ޔޫރަޕްގެ ލީޑަރުންނަށް ވަރަށް ހަރުކަށި އިބާރާތުން ބަހުގެ ހަމަލާތައް ދެއްވާފައެވެ. މިއާއެކު ޔޫރަޕްގެ ބައެއް ލީޑަރުންވަނީ ޔޫރަޕްގެ އިއްތިޙާދުގައި ދުވަހަކުވެސް ތުރުކީ ބައިވެރިނުކުރާނެ ކަމުގެ އިންޒާރުތައް ދެއްވާފަ އެވެ.

ފެންނަ ނުފެންނަ ވޯޓަށް އެންމެ ދުވަހަކަށް ވެފައިވަނިކޮށް ނެގި ޚިޔާލު ހޯދުމުގެ ސާވޭގެ ނަތީޖާ ދައްކާގޮތުން ރިޔާސީ ނިޒާމަށް 51 އިންސައްތަ މީހުން ތާއީދުކުރާއިރު ބަރުލަމާނީ ނިޒާމަށް ތާއީދުކުރަނީ 49 އިންސައްތަ މީހުންނެވެ. ނަމަވެސް އެހެން ބައެއް ސާވޭތަކުގެ ނަތީޖާތަކުން ރިޔާސީ ނިޒާމަށް 53 އިންސައްތަ ބަރުލަމާނީ ނިޒާމަށް ތާއީދުކުރަނީ 47 އިންސައްތަ ކަން ހާމަވެފައިވެއެވެ. (ނޫސްއެޖެންސީތައް)