17 Apr 2017, 08:25
މި އަހަރުގެ ރިލީޒް ކުރި ފިލްމު 'ކާބިލް'ގެ ކާމިޔާބީ ފާހަގަ ކުރުމަށް ބޭއްވި އިވެންޓަކަށް ފިލްމުގެ ބަތަލާ ޔަމީ ގޯތަމް ގަޑި ޖެހިގެން އައުމުން، ފިލްމުގެ ލީޑު އެކްޓަރު ރިތިކް ރޯޝަން އޭނާ އާމެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ހުރި ކަމަށް ބުނެ ފަތުރަމުން އަންނަ ޚަބަރުތައް ޔަމީ ދޮގުކޮށްފި އެވެ.
'ކާބިލް'ގައި ޔަމީ އާއި ރިތިކް ވެސް އަދާކޮށްފައި ވަނީ ލޮލުގެ ފެނުން ގެއްލިފައިވާ ދެމީހުންގެ ރޯލެވެ.
ލޮލަށް ނުފެންނަ ދެމަފިރިންގެ އުފާވެރި ހަޔާތް ބަނަވެގެން ދިޔަ ގޮތާއި، ބަދަލު ހިފުމަށް ލޯފަން މީހަކު ކުރާ މަސައްކަތް ދައްކުވައިދީފައިވާ އެ ފިލްމަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.
ފިލްމުގެ ކާމިޔާބީ ފާހަގަ ކުރުމަށް ފިލްމުގެ ޓީމުން ވަނީ 100 ސަޕޯޓަރުންނާ ބައިވެރިކޮށްގެން ޚާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. އެ ހަރަކާތުގައި ފިލްމުގެ ކާސްޓު ބައިވެރިވާ ގޮތަށް އޮތީ ހަމަޖެހިފައެވެ.
ރިތިކް އާއި އޭނާގެ ބައްޕަ، އަދި ފިލްމުގެ ޕްރޮޑިއުސަރު ރާކޭޝް ރޯޝަން އިވެންޓަށް ދިޔަ އިރު ވެސް ޔަމީ އެތަނުގައި ނެތެވެ. ޚަބަރުތައް ބުނާ ގޮތުން، ޔަމީގެ ފޯނަށް ވެސް ނުގުޅެ އެވެ. އަދި އިވެންޓު ފެށުނުތާ ގަޑި އިރެއް ވީ ފަހުން ޔަމީ އެތަނަށް ދިޔަ ނަމަވެސް، އެއްވެސް ސަޕޯޓަރަކާ ބައްދަލުކޮށް ވާހަކަ ދައްކާފައި ނުވާ ކަމަށް ވެ އެވެ.
މިއީ ޔަމީ 'ކާބިލް' ގެ ޕްރޮމޯޝަން އިވެންޓަކަށް ލަހުން ދިޔަ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ބޭއްވި އިވެންޓެއްގައި ވެސް ޔަމީ ބައިވެރިވީ އެ އިވެންޓު ނިމި އެންމެން ފޮޓޯ ނަގަމުން ދަނިކޮށެވެ.
ޚަބަރުތައް ބުނާގޮތުން ޔަމީގެ "ޑީވާ އެޓިޓިއުޑު" ގެ ސަބަބުން ރިތިކް ހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. ފިލްމެއްގެ ލީޑު ރޯލުން ފެނިގެންދާ ފަންނާނަކީ ގަޑިއަށް ފަރުވާތެރި، ސަޕޯޓަރުންނަށް މުހިންމުކަން ދޭ ޒިންމާދާރު މީހަކަށް ވާން ޖެހޭ އިރު، ޔަމީގެ ފަރާތުން އެއާ ދިމާ އިދިކޮޅު އަމަލުތަކެއް ފެންނާތީ ރިތިކް ހުރީ ވަރަށް ބޮޑަށް ރުޅި އައިސްފައެވެ. ނަމަވެސް ޔަމީ މިވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.
ޔަމީގެ ފަރާތުން އިންޑިއަން އެކްސްޕްރެސް ނޫހަށް ބުނެފައި ވަނީ ހަފްލާ އަށް ލަހުން ދެވުނީ ޔަމީ ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖައްސާފައިވާ ޕްރޮޑަކްޓެއްގެ އިވެންޓެއްގައި ހުރުމުން ކަމަށެވެ. އަދި 'ކާބިލް' ގެ އިވެންޓު ދޫކޮށް އަވަހަށް ދިޔައީ ވެސް އެހެން ކަމަށް ވަނީ ބުނެފައެވެ.
"ފިލްމުގެ ޓީމަށް އެނގޭނެ އެކަން. އެމީހުން ތިބާ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައި ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް ޔަމީ އަށް ހާޒިރު ވެވުނީމަ" އެ ނޫހުގައިވެ އެވެ.
'ކާބިލް' އަކީ ޔަމީ އަށް ވަރަށް މުހިންމު ފިލްމެއް ކަމަށާއި، ފިލްމުގެ ޕްރޮމޯޝަން މަސައްކަތްތަކަށް އޭނާ ފަރުވާ ކުޑަ ނުކުރާނެ ކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ.
ޔަމީ ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަމީތާބް ބައްޗަން އާއެކު، ރާމް ގޯޕާލް ވަރްމާ ޑައިރެކްޓު ކުރާ ފިލްމު 'ސަރްކާރް 3' އިންނެވެ. މިއީ އަމީތާބާ އެކު ޔަމީ ފިލްމަކުން ފެނިގެން ދާނެ ފުރަތަމަ ފަހަރެވެ.