17 Apr 2017, 09:59
ހޯޒޭ މޮރީނިއޯ އަކީ އެއް ގޮތަކަށް ވެސް އާދައިގެ ކޯޗެއް ނޫނެވެ. "ސްޕެޝަލްވަން"ގެ ލަގަބު އޭނާ ހޯދައިގެން އުޅެނީ ސަބަބުތަކެއް ހުރީމައެވެ. އެޓީމެއް ދެކެ އޭނާ އެންމެ ލޯބިވާ، ޗެލްސީ އަތުން، ރޭ ހޯދި މޮޅާއެކު، ތިމަންނައާ ދެކޮޅަށް ޕްރިމިއަރ ލީގުގައި މިހާތަނަށް ނުކުތް ކޮންމެ ޓީމެއް ވެސް މަދުވެގެން އެއްފަހަރު ބަލިކޮށްފައި ވާނެއޭ މޮރީނިއޯއަށް މިހާރު ބުނެވޭނެއެވެ.
މޮރީނިއޯގެ މި އުފާވެރި އަދި ތާރީޚީ ސަފްހާ އޭނާއަށް ލިޔެލެވިފައި މިވަނީ، އެޓީމެއްގައި ކާމިޔާބު ދެ ސީޒަން އޭނާ ހޭދަކުރި، ޗެލްސީ ބަލިކުރުމަށް ފަހުއެވެ. ޗެލްސީއަށް ފަހު ޔުނައިޓެޑަށް އިރުޝާދުދޭން ފެށި ކޯޗު މިހާތަނަށް ޕްރިމިއާ ލީގުގައި 34 ޓީމާ ވާދަކޮށްފައި ވާއިރު، އޭނާ ވަނީ އެއިން ކޮންމެ ޓީމެއް ވެސް މަދުވެގެން އެއްފަހަރު ބަލިކޮށް ރެކޯޑު ހަދައިފައެވެ.
34 - Jose Mourinho has now recorded at least one league victory vs all 34@premierleagueclubs that he's faced as a manager. Collection.pic.twitter.com/3hLhYC9Lz4
— OptaJoe (@OptaJoe)April 16, 2017
މެންޔޫއިން ތަފާތު ކުޅުމެއް ފެނިގެން ދިޔަ މެޗުން 2-0 ލަނޑުން ޗެލްސީ ބަލިވެފައިވާއިރު، ލީގު ތާވަލަށްވެސް މިވަނީ ގުޑުން އަރައި ލީގުގެ ފޯރި އިތުރަށް ވަރުގަދަވެފައެވެ.
މޮރީނިއޯއާ ދެކޮޅަށް އެންޓޯނިއޯ ކޮންޓޭގެ ޓީމުން ނުކުތްއިރު، ތާވަލުގެ ކުރީގައި 7 ޕޮއިންޓުގެ ލީޑެއް އޮތް ނަމަވެސް، މިހާރު އެ ފަރަގު ވަނީ ހަތަރު ޕޮއިންޓަށް ކުޑަވެ، ދެވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާއަށް ވެސް ލީގު ކާމިޔާބުކުރުމުގެ މަގު އިތުރަށް ފަހިވެފައެވެ.
މީގެ އިތުރުން ޗެލްސީގެ މައްޗަށް ހޯދި ކާމިޔާބާއެކު މޮރީނިއޯގެ ޔުނައިޓެޑް ވަނީ ލީގުގެ ގަދަ ހަތަރަކާވެސް 4 ޕޮއިންޓަށް ގާތަށް ޖެހިލައިފައެވެ.