ހުޅުމާލެގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި އަނދައިގެންދިޔަ ފިހާރައިގައި ހުރި ހުރިހާ މުދަލެއްހެން ހަލާކުވެ ދެ މިލިއަން ރުފިޔާއަށް ވުރެން ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ފިހާރައިގެ ވެރި ފަރާތުން ބުނެފިއެވެ.

ޕާޓްނާޝިޕް ބިޒްނަސްގެ ގޮތުގައި ހިންގަމުން އަންނަ ޑެލްރިއޯ ފިހާރައިގެ އެއް ހިއްސާދާރު އަހުމަދު ޝުހާދު "ސަން"އަށް ވިދާޅުވީ އަލިފާންގަނޑު މުޅިން ކޮންޓްރޯލް ކުރެވުުނުއިރު ވަނީ ފިހާރަ ތެރޭގައި ހުރި ގިނަ އަދަދެއްގެ މުދާ އަނދާ ހުލިވެފައި ކަމަށާއި ބާކީ ހުރި މުދާތައް ވަނީ ދުމުގެ އަސަރުކޮށް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށެވެ.

އެ ފިހާރު ހުރީ އިންޝުއުރެންސް ވެސް ނުކޮށް ކަމަށް ޝުހާދު ބުންޏެވެ.

"އަންދާޒާ ކުރެވޭ ގޮތުގައި ދެ މިލިއަން ރުފިޔާއަށް ވުރެން ބޮޑު ގެއްލުމެއް ވަނީ ވެފައި. ފިހާރަ އާއި ހުރިހާ މުދަލެއް ވެސް ހުންނާނީ އިންޝުއުރެންސް ނުކޮށް،" އޭނާ ބުންޏެވެ.

ޝުހާދު ބުނީ އަލިފާން ރޯވަން ދިމާވީ އޭސީގެ އިންޑޯ ބައިގަ ރޯވެގެން ކަމަށާއި މުޅި ފިހާރައަށް އަލިފާންގަނޑު ފެތުރުނީ އެ ތަނުގައި އަލިފާން ނިއްވާނެ އެއްވެސް ވަސީލަތެއް ނެތުމުގެ ސަބަބުން ކަމަށެވެ. އަދި އެތަނަކީ ހައުސިން ޑިވޮލެޕްމެންޓް ކޯޕަރޭޝަނުގެ ބެލުމުގެ ދަށުގައި ހުންނަ ތަނެއް ކަމަށް ވެސް ޝުހާދު ބުންޏެވެ.

ނަމަވެސް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މުހައްމަދު އަދުނާނު ވިދާޅުވީ ޑެލްރިއޯ ފިހާރައިގެ ރޯވިކަމުގެ ރިޕޯޓް ލިބިފައި ވަނީ 12:57 ގައި ކަމަށާއި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމްގެ މަސަތްކަތުން 13:15 ގައި އަލިފާން ގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

"އަލިފާން ގަނޑު ނިއްވާލެވުނުއިރު ވަނީ ފިހާރައިގެ ބިއްލޫރި ގަނޑު އެއްކޮށް ތަޅައިގެން ގޮސް ސީލިގް ވެސް ވެއްޓިފަ،" އަދުނާނު ވިދާޅުވިއެވެ.